ވިޔަފާރި ފެށުމަށް ބޭނުންވާ އަންހެނުންނަށް ޚާއްސަ ވޯކްޝޮޕެއް މާލޭގައި ފަށައިގެން ކުރިޔަށް އެބަ ދެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފައިވާ މުއައްސަސާ، އެންޓަޕްރައިސް ޑިވެލޮޕްމެންޓުން އިންތިޒާމުކޮށްގެން މިއަދު ފަށާފައިވާ ވޯކްޝޮޕަކީ އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، ވިމެންސް އެންޓްރަޕްރެނަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައިވެރިންނަށް ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

އެންޓަޕްރައިސް ޑިވެލޮޕްމެންޓް (އީޑީ)ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބިޒްނަސް ސެންޓަރުތަކެއް ގާއިމުކޮށްފައެވެ. އެ ސެންޓަރެއް ހުރި ސަރަހައްދެއްގައި ހިމެނޭ ރަށްރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެ ސެންޓަރުތަކުން އާންމުކޮށް ވޯކްޝޮޕްތައް ބާއްވައެވެ.

ބިޒްނަސް ސެންޓާ މާލޭގެ ކެޕޭސިޓީ ބިލްޑިންގް ސްޕެޝަލިސްޓް އަހްމަދު މުމްތާޒް "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި، މާލޭގައި މިއަދު ފަށައިގެން ކުރިޔަށް ގެންދާ ވޯކްޝޮޕުގައި އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ 46 މީހަކު ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި މިހާރު ވިޔަފާރި ކުރާ ފަރާތްތަކާއި، އަލަށް ވިޔަފާރި ފެށުމަށް އެދޭ ބައެއް ފަރާތްތައް ވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ވޯކްޝޮޕުގައި ކިޔަވައިދޭނީ ވިޔަފާރިއެއް ފެށުމަށްޓަކައި އެނގެންޖެހޭ މައުލޫމާތުތަކެވެ.

އެންޓަޕްރައިސް ޑިވެލޮޕްމެންޓްގެ ދަށުން ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރު ނެޓްވޯކުގައި ހަތް ބިޒްނަސް ސެންޓަރެއް ހުރެއެވެ. އެ ސެންޓަރުތައް ހުންނަނީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، އައްޑޫ ސިޓީގެ ހިތަދޫ އަދި މާލޭގައެވެ.