ހުޅުމާލެއަށް ދިޔަ ޒުވާން އަންހެނަކު ރޭޕްކޮށްފިއެވެ.

އެކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭ އިންޓަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 10:40 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ސަންއަށް އެނގިފައިވާ ގޮތުގައި ރޭޕްކޮށްފައި ވަނީ 27 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕްކުރި އަންހެން މީހާއަކީ ވިލިމާލޭގައި ދިރިއުޅެމުންދާ އަންހެނެކެވެ. ނަމަވެސް އޭނާ ހުޅުމާލެ ދިޔައީ ކީއްކުރަން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ރޭޕްކޮށްފި މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެނޫން ގޮތަކަށް މީހަކު ރޭޕްކޮށްފިނަމަ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.