ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއއަޒީޒަށް ހުތުރު ބަސް ރައްދުކޮށް ފާޑު ކިއުމަކީ އިސްލާމީ އަސާސްތައް ނެތިކޮށްލުން ފަދަ ކަމެއް ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން ސައުދީއާ ހަވާލުކުރަން އުޅޭތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި އެ ޓްވީޓުގައި ޝައިނީ ވިދާޅުވީ މުސްލިމުންގެ އެންމެ ބޮޑު ލީޑަރު، ސަލްމާނަށް ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އަސާސްތަކާއި އުސޫލުތައް ނެތިކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެހެން ކަމުން އެކަމާ މެދު ދިވެހިރައްޔިތުން ވިސްނާލަން ޖެހޭ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރިފައިވަނިކޮށް އެއަޑުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިދިޔަ ބުދަ ދުވަހު ރައީސް ޔާމީންވެސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި ސައޫދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ސަބަބުން ދުނިޔޭގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ. ނަމަވެސް މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހު ކޮޅުގައެވެ. މިއީ ސައުދީގެ ރަސްކަލަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސްމެ އެވެ. ސައުދީގެ ރަސްގެފާނު ކަމަށް ވަޑައިގަތުމުގެ ކުރިންވެސް ސަލްމާން ރަސްގެފާނު ވަނީ ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައެވެ.