30 Jun 2011, 12:35
މެންޗެސްޓާއަށް ޔުނައިޓެޑަށް ބަދަލުވުމަކީ އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ކީޕަރު ޑެގޭ ބުނެފި އެވެ.
މިހަފްތާ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑްގެ މެޑިކަލްގައި ބައިވެރިވުމަށްފަހު ޑެގޭ މެންޗެސްޓާއަށް އަށް ބަދަލުބީ 16 މިލިޔަން ޕައުންޑަށެވެ.
ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޔުނައިޓެޑްގެ ކުރީގެ އެއް ނަންބަރު ކީޕަރު ވެންޑެސާ ރިޓަޔާކުރުމާއި ގުޅިގެން ބަދަލުގައި ގެނައި ސްޕެއިންގެ 20 އަހަރުގެ ޒުވާން ކީޕަރު މެން ޔުނައިޓެޑާއިއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ކީޕަރު ޑެގޭ މެންޔުނައިޓެޑާއި ގުޅުމުން އަންނަ ސީޒަނަށް އެކްލަބުން ހޯދި ކުޅުންތެރިންގެ އަދަދު މިހާރުވަނީ ތިނަކަށް އަރާފ ައެވެ. ޑެގޭ އިތުރުން ގެންދިޔަ އަނެއް ދެ ކުޅުންތެރިންނަކީ ބްލެކްބާންއިން ގެނައި އިނގިރޭސި ޒުވާން ޑިފެންޑަރު ފިލް ޖޯންސް އާއި އެސްޓަން ވިލާގައި ވިދާލި އިނގިރޭސި ތަރި އޭޝްލީ ޔަންގެވެ.
ޑެގޭ މެންޔުނައިޓެޑާއި ގުޅުނީ ސްޕެއިންގެ 21 އަހަރުންދަށުގެ ގައުމީ ޓީމު ޔޫރަޕްގެ ތަށި ހޯދިތާ ހަތަރުދުވަސް ފަހުންނެވެ.
"އަހަރެން ވަރަށް ފަހުރުވެރިވަން މިކަހަލަ ބޮޑު ކްލަބަކަށް ބަދަލުވެވުނީތީ. މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ކާމިޔާބީ ބޮޑު ކްލަބަކަށް ބަދަލުވެވުނީމަ މިހިރީ ވަރަށް އުފަލުން. އަހަރެން މިވަނީ އިތުރަށް މަސައްކަތްކޮށް އަހަރެންގެ ހުނަރު ދައްކާލަން ރަނުގެ ފުރުސަތެއް ލިބިފައި. އަހަރެން މިފުރުސަތުގެ ބޭނުން ރަނގަޅެއް ހިފޭތޯ ވަރަށް މަސައްކަތްކުރާނަން." ޑެގޭ ބުންޏެވެ.
އެތްލެޓިކޯ މެޑްރިޑްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި އެކްލަބަށް ޔޫރޮޕާ ލީގާއި ޔޫރަޕިއަން ސުޕާ ކަޕް ހޯދައިދުނުމަށް އެހީތެރިވެދިން ޑެގޭއަށް ސްޕެއިންގެ ސީނިއާ ގައުމީ ޓީމުން އަދި ޖާގަ ލިބޭ ގޮތެއް ނުވެއެވެ. ސްޕެއިންގެ ސީނިއާ ގައުމީ ޓީމުން ޖާގައެއް ހޯދުމަށް ސްޕެއިންގެ ކީޕަރުންކަމަށް ކަސިޔަސް، ޕެޕޭ ރޭނާ އަދި ވިކްޓަރ ވެލްޑޭސްއާއި ވާދަކުރަން ޑެގޭއަށްވަނީ ޖެހިފަ އެވެ.
"އެތްލެޓިކޯ މެޑްރިޑުން އަހަރެންނަށް ވަރަށް އެހީވި. އަހަރެން މެންޔުނައިޓެޑަށް ބަދަލުވީ އެއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ކްލަބަކަށް ވާތީ. މެންޔުނައިޓެޑުންވަނީ އަހަރެންނަށާއި އަހަރެންގެ އާއިލާއަށް އެމީހުންގެ ޓްރެއިންނިންގް ސާމާނުތައ ްވެސް ދައްކާފައި." ޑެގޭ ބުންޏެވެ.
އެތްލެޓިކޯ މެޑްރިޑުން އެކްލަބްގެ އެއްނަންބަރު ކީޕަރު ޑެގޭ ބަހައްޓަން މަސައްކަތެއް ކޮށްފައިވީނަމަވެސް ޑެގޭ އެނިންމި ނިންމުމަކީ އޭނާގެ ކެރިޔަރަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް ޑެގޭއާއި އެތްލެޓިކޯ މެޑްރިޑުންވެސް ދެކެ އެވެ.