04 Mar 2017, 11:01
ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން (ސައުދިއާ) އިން ރާއްޖެއަށް ކުރާ ދަތުރުތައް ދެ ގުނަ އިތުރުކުރަން ނިންމާފައިވާ ކަމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު، އަބްދުﷲ ހަމީދު ވިދާޅުވެއްޖެއެވެ.
ސައުދީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. ރިޔާދުން މާލެއަށް ފެށި އެ ދަތުރުތަކަށް ހަފްތާއަކު ދެ ފްލައިޓް ބާއްވައެވެ.
ސައުދީގެ ނޫހެއް ކަމަށްވާ އެރަބް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ސައުދިއާ އިން ރާއްޖެއަށްކުރާ ދަތުރުތަކުގެ އަދަދު ދެ ގުނަ އިތުރުކޮށް ހަފްތާއަކު ހަތަރު ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފްލައިޓްތައް ބާއްވާނީ ޖިއްދާއިން މާލެއަށް ކަމަށް ވިދާޅުވެފައިވެއެވެ.
ޖިއްދާއިން މާލެއަށް ދަތުރުތަކެއް ފައްޓަވާނޭ ކަން ސަފީރު އަބްދުﷲ ހަމީދު ވިދާޅުވެފައިވާއިރު، ޖިއްދާ އާއި މާލެއަށް ޑައިރެކްޓު ފްލައިޓުތަކުން ގުޅާލަން ނިންމާފައިވާކަން ސައުދީ އެއާލައިނުން ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިއުލާން ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް ފަށާނީ ކޮންއިރަކު ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާ ކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، ސައުދީ އާއި ރާއްޖެއާ ދެމެދު އިތުރު ދެ ފްލައިޓް ބޭއްވުމުން ރާއްޖެއަށް އަންނަ ސައުދީ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާއިން 2015 ވަނަ އަހަރު 15749 ސައުދީ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ނިމިގެން މިދިޔަ އަހަރު އެ އަދަދު ވަނީ 21944 އަށް އަރާފައެވެ. އެއީ 39.5 ޕަސެންޓްގެ އިތުރު ވުމެކެވެ.