ޔުނައިޓެޑް ވިކްޓަރީއަށް ސީޒަން ފެށޭނީ މިއަދުގެ މެޗުން ކަމަށާއި ޓީމުގެ ބަލިފަޔަކީ އަދި ޓީމުގެ ސްޓްރެންތަކީ ކޮބައިކަންވެސް އެނގިގެންދާނީ މިއަދު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހުގައި ކަމަށް އެޓީމުގެ ކޯޗު އަހްމަދު އާތިފް (އާތި) ބުނެފިއެވެ.

ޔުނައިޓެޑް ވިކްޓަރީން މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްފެށީ ވެސް އެހެން ކުލަބުތަކަށް ވުރެ ލަހުންނެވެ. އަދި އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ހަަމަކޮށްގެން ރަނގަޅަށް ފަރިތަ ކުރުންތައް ކުރިއަށް ގެންދެވުނީ ވެސް ދެ ދުވަހު ކަމަށް މައުލޫމާތުލިބެއެވެ.

މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ޔުވީ ގެ ކޯޗު އާތި ބުނީ އަހަރުގެ މިހާ ހިސާބަށް އައި އިރުވެސް އެޓީމުން ވާދަވެރި މެޗެއް ކުޅެފައި ނުވާ ކަމަށެވެ. ވާދަވެރި މެޗެއް ކުޅެވިފައި ނުވާތީ ޓީމުގެ ފެންވަރު އަންދާޒާ ކޮށްލަން މިވަގުތު ދަތި ކަމަށް އާތި ބުންޏެވެ.

"ޓީމު މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަކީ ކޮބައިކަން ވެސް އަދި އެނގޭނީ މިއަދުގެ މެޗަށް ފަހު، ޔޫވީ އޮތް ހިސާބު ވެސް އެނގޭނީ އީގަލްސް މެޗަށް ފަހު" އާތި ބުންޏެވެ.

އާތި ބުނީ ޔޫވީ ޓީމެއްގެ ގޮތުގައި އެކުލަވާލެވުނުއިރު އެހެން ކުލަބުތަކަށް ސީޒަން ފެށިއްޖެ ކަަމަށާއި މިއަހަރު ޓީމު ހާސިލް ކުރަންބޭނުންވާ ޓާގެޓް ކަނޑައެޅޭވަރު ވާނީ މާލޭ ލީގު ދެެ މެޗު ވަރު ކުޅުމަށްފަހުގައެވެ.

"ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ޕަފޯމަންސް ޕްރެކްޓސްގަ ރަނަގަޅު އެކަމަކު އެކުޅުންތެރިންގެ ފެންވަރު އެނގޭނީ ވާދަވެރި މެޗުތަކެއް ކުޅުމަށް ފަހުގަ" އާތި ބުންޏެވެ.

އެ މެޗާ ގުޅޭ ގޮތުން އީގަލްސްގެ ކޯޗު އިހްސާން އަބްދުލްގަނީ (ސާންތި) ބުނީ ޔޫވީ އަތުން މިހާތަނަށް އައި އިރު އީގަލްސް މޮޅުވެފައި ނުވާކަމަށާއި މިއަދުގެ މެޗަކީ އެކަން ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށާއި މިއަދުގެ މެޗުގައި އަމާޒަކީ ރަނގަޅު ކުޅުމެއްދައްކާ މެޗުން މޮޅުވުންކަމަށެވެ.

"ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް އީގަލްސް އިން ދެއްކީ ވަރަށް ރަނަގަޅުކުޅުމެއް، މީގެ ކުރިން ޔޫވީއާ އީގަލްސްވަނީ ބައްދަލުކޮށްފަ ، ނަމަވެސް އީގަލްސްއަދި އެއްވެސް މެޗަކުން މޮޅެއް ނުވޭ ، އެހެންވީމަ މިއީ ރަނަގަޅު ފުރުޞަތެއް އެކަން ބަދަލުކޮށްލަން،" ސާންތި ވިދާޅުވި އެވެ.

އީގަލްސް އާއި ދެކޮޅަށް ޔޫވީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މިއީ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅޭ ފުަތމަ މެޗެވެ. ނަމަވެސް އީގަލްސް ވަނީ މި މުބާރަތުަގއި ކުޅުނު ފުރަތމަ މެޗުން މާޒިޔާއަތުން ބަލިވެފައެވެ.