04 Mar 2017, 11:18
ރިޔާޟު (މާޗް 4): ބައިނަލްއަގުވާމީ ގަރާރުތަކުން މަނާކޮށްފައިވާ ކްލަސްޓާ ބޮން ބޭނުންކޮށްގެން ސައުދީ އަރަބިއާއިން ޔަމަނަށް ދިން ހަމަލާތަކުގައި އެގައުމުގެ ހަ މީހަކު މަރުވެއްޖެ އެވެ.
ޔަމަނުގެ އަލް މަސީރާ ޓީވީން ރިޕޯޓު ކުރި ގޮތުގައި ސައުދީ އަރަބިއާގެ އަސްކަރީ ބޯޓުތަކުން އިއްޔެ ހަމަލާ ދިނީ ވެރިރަށް ސަންއާގެ އުތުރަށް އޮންނަ ސައާދާ ޕްރޮވިންސަށާއި ހައްޖާ ޕްރޮވިންސަށެވެ. އަދި އެހަމަލާތަކުގައި ހަ މީހަކު މަރުވުމުގެ އިތުރުން 17 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ކްލަސްޓާ ބޮމަކީ އދގެ ބައިނަލްއަގުވާމީ ގަރާރެއްގެ ދަށުން މަނާކޮށްފައިވާ ހަތިޔާރެކެވެ.
ޔަމަނުގައި އޮތް ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ނުކުތް ހޫޘީން 2015 ވަނަ އަހަރު ޔަމަނުގެ މައްޗަށް ގަދަވެ ގަނެ، ވެރިރަށް ސަންއާ އާއި އަދަން ފަދަ ރަށްތައް ހިފުމުން އެސަރުކާރު އަލުން އިއާދަ ކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ އެހަނގުރާމައިގެ ތެރެއަށް ވަދެފައެވެ.
މިދިޔަ މަހު ޔަމަނުގެ ލީގަލް ސެންޓާ ފޯ ރައިޓްސް އެންޑް ޑިވެލޮޕްމެންޓުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޔަމަނު ހަނގުރާމައިގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 12،041 އަށް އަރާފަ އެވެ. އޭގެ ތެރޭގައި 2،658 ކުޑަކުދިންނާއި 1،870 އަންހެނުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މީގެ އިތުރުން އެގައުމަށް ދިން ހަމަލާތަކުގައި 20،001 މީހަކަށް އަނިޔާވެފައިވާ އިރު ހަތަރު މިލިއަން މީހުން ގެދޮރު ނެތިފައިވާ ކަމަށް އެޖަމްއިއްޔާއިން ބުނެ އެވެ. (ޕްރެސްޓީވީ)