04 Mar 2017, 10:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ޓީމާއި ރަޝިޔާއާ ދެމެދު އޮތްކަމަށް ބުނެވޭ ސިއްރު ގުޅުންތައް ފަޅާއަރައި އެގުޅުންތައް "ރަޝިޔާ ގޭޓް" އަށް ބަދަލުވެ ޓްރަމްޕް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ހިސާބަށް އެކަން ހޫނުވެގެން ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
އެމެރިކާގެ ނޫސްތަކުގައި އިއްޔެ ޝާއިއުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕްގެ ޓީމާއި ރަޝިޔާއާ ދެމެދު ގުޅުންތައް ބަދަހިކޮށްފައި ވަނީ ވޮޝިންޓަންގައި ހުންނަ ރަޝިޔާ އެންބަސީ މެދުވެރިކޮށެވެ. މިގުޅުންތައް ބޭޒާރުފައި ވަނީ ޓްރަމްޕްގެ ޓީމު އެމެރިކާގެ ވެރިކަމާ ހަވާލުވުމުގެ ކުރިން އެޓީމުގެ އެކި ބޭފުޅުން ވޮޝިންޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ތަކުރާރުކޮށް ބައްދަލުކުރެއްވި ކުރެއްވުންތަކުގެ ސަބަބުންނެވެ.
މިމައްސަލަ ބޭޒާރުވެގެން އެންމެ ފުރަތަމަ މަގާމުން އިސްތިއިފާ ދެއްވީ ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މައިކަލް ފްލިންއެވެ. އެއަށްފަހު ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އާއި ދާޚިލީ އަމަނާބެހޭ ވަޒީރު ޖޯން އެފް ކެލީ ވެސް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރަޝިއާގެ ސަފީރާ ބައްދަލުކުރެއްވި މައްސަލަ ބޭޒާރުވުމާއެކު އެދެބޭފުޅުންވެސްވަނީ ހޫނު ފެނަށްވެއްޓިފަ އެވެ. މިމައްސަލާގައި ސެޝަންސް، ކޮންގްރެސް އަށް ދޮގުހެއްދެވިކަން ވެސް މިހާރުވަނީ ހާމަވެފައެވެ. އެކަމާގުޅިގެން ސެޝަންސް އާއި ކެލީވެސް ކައިރި މުސްތަގްބަލެއްގައި މަގާމުން އިސްތިއިފާ ދެއްވާނެކަމަށްވަނީ ބެލެވިފައެވެ.
އެމެރިކާގެ ގާނޫނުތައް ބުނާގޮތުން އެމެރިކާގެ އެއްވެސް ރައްޔިތަކު (ސަރުކާރުގެ ނޫނީ ދައުލަތުގެ މަގާމެއް ލިބުމުގެ ކުރިން) ބޭރުގައުމުތަކުގެ ސަފީރުންނާއި އެނޫން ވެސް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތައް ދެއްކުމަކީ މަނާކަމެކެވެ. ނަމަވެސް ފްލިން، އާއި ކެލީ އާއި ޖެފް ސެޝަންސް ވެސް ވޮޝިންޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ޓްރަމްޕްގެ ސަރުކާރު ވުޖޫދަށް އައުމާ އެކު އުވާލާނެކަމުގެ ވާހަކަތައް ދެއްކެވިކަން ވަނީ ހާމަވެފައެވެ.
ޓްރަމްޕްގެ ޓީމާއި ރަޝިޔާއާ ދެމެދު ސިއްރު ގުޅުންތަކެއް އޮތް ވާހަކަ ވަނީ ޓްރަމްޕްގެ ވެރިކަމަށް ކޭންޕޭން ކުރެއްވި ދުވަސްވަރު ވެސް ފެންމަތި ވެފައެވެ. މިއަށްފަހު ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން މިމައްސަލަ ވަނީ އެމެރިކާގެ އެތެރޭގައި ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ރަޝިޔާއަކީ އެމެރިކާއަށް ފުޅާ ދާއިރާއެއްގައި ޖާސޫސު ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމަކަށް ވުމުގެ އިތުރުން ރަޝިޔާއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ވާދަކުރާ އެންމެ ބޮޑު އެއްބާރުކަމުން ޗައިނާއެކޭ އެއްގޮތަށް ރަޝިޔާއާ މެދު އެމެރިކާގެ ސިޔާސީ ފަރާތްތަކާއި އާންމުންގެ ގިނަބަޔަކު ދެކެނީ ބޮޑު ދުޝްމަނެއްގެ ގޮތުގައެވެ.
މީގެއިތުރުން އެންމެފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރެވިފައިވާއިރު އެމެރިކާގެ ރަސްމީ މުއައްސަސާތަކުގެ ގާބިލްކަމާއި ސައިބަރ ގެ ދާއިރާގައި އެމެރިކާގެ އެތެރޭގެ ކަންކަންހުރި ދޯދިޔާ މިންވަރުވެސް ދުނިޔެއަށް ހާމަވެ އެމެރިކާ ވަނީ ވަރަށް ބޮޑަށް ލަދުގެންފައެވެ.
އަނެއްކޮޅުން ނިޔުޔޯކް ޓައިމްސް ގެ އިއްޔެގެ އަދަދު ބުނާގޮތުން ޓްރަމްޕްގެ ދަނބިދަރިކަލުން ގެރިޑް ކުޝްނަރ ވެސްވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު (ޓްރަމްޕަށް ވެރިކަން ލިބިވަޑައިގަތުމުގެ އެއްމަސް ކުރިން) ވޮޝިންޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރު ކިސްލާކް އާ ބައްދަލުކުރައްވާފައެވެ. މިމައްސަލާގައި އެމެރިކާގެ އެތެރޭން ކުރިމަތިވި ފިއްތުންތަކާއެކު އެކަމުގެ މަލާމާތް ޚުދު ޓްރަމްޕަށް ވަނީ ރައްދުވާން ފަށާފައެވެ. އެކަމުން މިކަންކަމުން ސަލާމަތްވެ ވަޑައިގަތުމަށް ޓަކައި ޓްރަމްޕަށްވަނީ ބޮޑެތި ކަންތައްތަކެއް ކުރައްވަން ޖެހިވަޑައިގެންފައެވެ.
އެމެރިކާގެ މީޑިޔާ އާ މެދު ޓްރަމްޕް ދުޝްމަންކަން ގެންގުޅުއްވަނީވެސް ނިޔުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓް ފަދަ ނޫސްތަކުން މިމައްސަލަތައް ހޫނުކަން ޓްރަމްޕް ގެ ޓީމުން ކޮށްފައިވާ މިބާވަތުގެ ކަންކަން ބޭޒާރު ކުރަމުން ގެންދާތީއެވެ. އެމެރިކާގެ މުހައްލިލުން ވިދާޅުވަނީ މިމައްސަލާގައި ކުއްލި ގޮތަކަށް ޓްރަމްޕް އިސްތިއުފާ ނުދެއްވިނަމަވެސް ޓްރަމްޕް ދެން ހުންނަވަންޖެހޭނީ ކަރުތާފެނަށް ވެއްޓިފައިވާ ބަލިކަށި އަދި އަމިއްލަ ނަފްސު ދިފާއު ކުރެއްވުމުގައި އަވަދިނެތި އުޅުއްވަންޖެހިވަޑައިގެންފައިވާ ރައީސެއްގެ ގޮތުގައެވެ. އަދި އެންމެފަހުން މަގާމުން އިސްތިއުފާ ދެއްވަންވެސް ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެކަމަށް މިފަރާތްތަކުން ދެކެއެވެ.