04 Mar 2017, 10:56
ވިލާ ކޮލެޖުގައި މިއަހަރުގެ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ މޭ މަހު އެ ކޮލެޖުގައި 12 ދާއިރާއަކުން ފަށާ 54 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.
މޭ މަހު ފުރުސަތު ހުޅުވާލި ކޯސްތަކުގެ ތެރޭގައި މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 14 ކޯހެއްގެ އިތުރުން އެޑްވާންސް ޑިޕްލޮމާގެ ދެ ކޯހެކެވެ.
އޭގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހެއް އަދި ސެޓްފިކެތް ތިނެއްގެ އަށް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކެމްޕަސްތައް ހިންގަމުންދާއިރު، އެ ކެމްޕަސްތަކުގައި ވެސް މޭ މަހު ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ވިލާ ކޮލެޖުގެ ކެމްޕަސްތައް ހިންގަމުންދާ ރަށްތަކުގެ ތެރޭގައި އައްޑޫ ހިތަދޫ އަދި މީދޫގެ އިތުރުން ޅ. ނައިފަރު، ހދ. ކުޅުދުއްފުށި، އދ. މަހިބަދޫ، ޏ. ފުވައްމުލައް ކެމްޕަހުގެ އިތުރުން ށ. ފުނަދޫގައި ހުންނަ ލޭކް ސައިޑް ކެމްޕަސް ހިމެނެއެވެ.
ވިލާ ކޮލެޖުން ބުނީ، މޭ މަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަސް ކަމަށެވެ.
އަދި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށް ވެސް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.