ތާރީހީ ވާދަވެރިން ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މާލޭ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މާލޭ ލީގު މެޗުގައި ވިކްޓަރީގެ މައްޗަށް ނިއުއިން ކުރި ހޯދާފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ މިއަހަރުގެ މާލޭ ލީގުގައި ނިއު ކުޅުނު ފުރަތަމަ މެޗަށްވާއިރު، މިއީ ވިކްޓަރީ ކުޅުނު ދެވަނަ މެޗެވެ. ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައިވަނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ގްރީން ސްޓްރީޓް އަތުންނެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށްކުޅެ، ނުރައްކާ ކުރަމުންދިޔައީ ނިއުއިންނެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ)އާއި ބިދޭސީ ކުޅުންތެރިޔާ އޮގާވާ ކެއިސޫކޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ސެންޓޭ ފޮނުވާލި ހަމަލާ ވިކްޓަރީގެ ސީރިއާ ކީޕަރު މަހްމޫދު އަލް ޔޫސުފް މަތަކުރިއިރު، ކެއިސޫކޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ވެސް ނިއުގެ ސެންޓޭއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު އާރިފް (ބަކާ) ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާ ކީޕަރު މަހްމަދޫ ވަނީ މަތަކޮށްފައެވެ. އޭނާ މަތަކުރި ބޯޅަ ވަނީ ގޯލުގެ ހުރަސްދަނޑީގައި ވެސް ޖެހިފައެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 18 ވަނަ މިނެޓުގައި ވިކްޓަރީން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަސަން އަދުހަމްއަށް ފާރޫގު އިސްމާއިލް ކުރި ފައުލާ ގުޅިގެން ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމުން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ނިއުއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭ ދިން ރީތި ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާތެރޭ ވަރަށް ހުސްކޮށް ހުރެ ވަލްޑޭސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭނާ ބޯޅަ ފޮނުވާލިއިރު، ކީޕަރު އިމްރާނަށް ވެސް ރަނގަޅަށް ތައްޔާރުވެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ނިއުއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނިއުއަށް ސީޒަންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ހޯދައިދިނީ އަކްރަމް އަބްދުލްޣަނީ (އަކޫ)އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 54 ވަނަ މިނެޓުގައި ވިކްޓަރީއަށް ލަނޑުޖަހައި، ނަތީޖާ ހަމަހަމަކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކް ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އަދުހަމް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ހަމަލާތަކަކަށްފަހު ނިއުއިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ސެންޓޭ ނަގައިދިން ކޯނަރަކުން ނިއުއަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ގަލާޑޯ ވަލްޑޭސް އެޑްރިއަންއެވެ. އޭގެ މިނެޓެއް ފަހުން ގަލާޑޯއަށް ލީޑު ފުޅާކޮށްލުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިކްޓަރީ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ކީޕަރު މަހްމޫދު ބޯ މަތިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ވިކްޓަރީއަށް ނިއުއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސެޑިކް ދިން ބޯޅަ، ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރި ކެރިޗް އަންދްރޭޖްއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. އޭނާ ކައިރީ ނިއުގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ހުރީ ވިއްދާފައެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 82 ވަނަ މިނެޓުގައި ނިއުގެ ގަލާޑޯއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭ ހިފައިގެންދިޔަ ބޯޅަ ހޯދުމަށް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރަށް ނުކުމެ، ކީޕަރު މަހުމޫދު ދިފާއުކުރަން ފޮނުވާލި ބޯޅަ ގަލާޑޯއަށް ލިބުމާއެކު އޭނާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ގަލާޑޯއަށް ބޯޅަ ލިބުނުއިރު ވިކްޓަރީ ގޯލު އޮތީ ވަރަށް ހުސްކޮށެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި، ނިއުއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ނަގައިދިން ހިލޭ ޖެހުމަކުން އެޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ކެރިޗް އަންދްރޭޖްއެވެ.

ވިކްޓަރީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓް ފަހުން ނިއުއިން ވަނީ ލަނޑެއް ޖަހައި އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސެންޓޭ ދިން ބޯޅައަކުން ނިއުއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގަލާޑޯއެވެ.

މާލޭ ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައެވެ.