03 Mar 2017, 22:40
ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އޭޝިއާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިއާގައި ކުރެއްވި މަޝްވަރާތަކަށް ފަހު އެގައުމަށް 10،000 ހައްޖު ކޯޓާ އިތުރުކޮށްދެއްވައިފި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ސަލްމާން ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި އިންޑޮނޭޝިއާއަށް ވަޑައިގަތީ އިއްޔެ އެވެ.
އިންޑޮނޭޝިއާގެ ޕްރެސިޑެންޝިއަލް ޕެލެސްގައި އިއްޔެ ބޭއްވި ބައްދަލުވުުމެއްގައި މަޝްވަރާތަކަށް ފަހު އިތުރަށް ހައްޖު 10،000 ކޯޓާ އިންޑޮނޭޝިއާއަށް ދިނުމަށް ސަލްމާން ރަސްގެފާނު ނިންމެވިކަން އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިދޯދޯގެ ފޭސްބުކް ޕޭޖުގައި ވަނީ އިއުލާނުކުރައްވާފަ އެވެ.
މިހާރު 211،000 ހައްޖު ކޯޓާ ލިބޭ އިންޑޮނޭޝިއާއަށް އިތުރު 10،000 ކޯޓާ ލިބުން ޖުމްލަ 221،000 މީހުންނަށް އަހަރަކު ހައްޖަށް ޖެވޭނެ އެވެ. އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވަނީ ސަލްމާން ރަސްގެފާނަށް ޝުކުރު އަދާކޮށް ފޭސްބުކް ޕޭޖުގައި ލިޔެފަ އެވެ.
އޭގެ އިތުރުން އިންޑޮނޭޝިއާގެ ޕްރެސިޑެންޝިއަލް ޕެލަސްގެ ބަގީޗާގައި ސަލްމާން ރަސްގެފާނު ވަނީ "އައަންވުޑް" ގަހެއް އިންދަވާފަ އެވެ. އެފަދަ ގަހެއް އިންދުމުގެ ބޭނުމަކީ އިންޑޮނޭޝިއާ އާއި ސައުދި އަރަބިއާގެ ގުޅުން ވަރުގަދަކަން ހާމަކޮށްދިނުން ކަމަށް ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފަ އެވެ.
ސަލްމާން ރަސްގެފާނު މިހާރު ހުންނެވީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގަ އެވެ. އެ ސިޓީން ދެން ރަސްގެފާނެ ވަޑައިގަންނަވާނީ ބާލީ އަށެވެ. އެއީ ރިސޯޓުތައް ތަރައްގީކޮށްފައިވާ ސިޓީ އެކެވެ. މައުލޫމާތު ލިބޭގޮތުން ބާލީން ހަތަރު ހޮޓަލަކާއި 300 ކާރު ސަލްމާނު ރަސްގެފާނު ވަޑައިގަންނަވާތީ ވަނީ ބުކްކޮށްފަ އެވެ.
އިންޑޮނޭޝިއާއަށް ފަހު ބުރީނީ، ޗައިނާ، ޖަޕާންގެ އިތުރުން ރާއްޖެ އަދި ޖޯޑަންއަށް ސަލްމާން ރަސްގެފާނު ވަޑައިގަންނަވާނެ އެވެ.