30 Jun 2011, 12:19
ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާއިން އުޑިނޭޒީގެެ ފޯވާޑް އެލެކްސިސް ސަންޗޭޒް ގެންދަން އެންމެ ފަހުގެ އަގު ކިޔާފައިވާކަމަށާއި އިތުރަށް ބޮޑު އަގު ނުކިޔާނެކަމަށް ބާސާއިން ބުނެފި އެވެ. ސްޕެއިންގެ ކްލަބަކަށް ޝައުގުވެރިވާކަމަށް ބުނެފައިވާ ސަންޗޭޒަށް ބާސާއިން ހުށަހަޅާ އަގާމެދު ވަނީ އެއްބަސްވުމަކަށް ނާދެވިފަ އެވެ.
ބާސާގެ ފަހު އަގު ހުށައަޅާފައިވާ އިރު އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީވެސް މިހާރުވަނީ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރާ ކްލަބްތަކުގެ ރޭހުން ވަކިވެފަ އެވެ.
"އަހަރެން ސަންޗޭޒްއާއި ވާޙަކަދެއްކިން. ސަންޗޭޒް ވެސް ބުނި ސިޓީއާއެކު ވާހަކަދައްކަން ބޭނުމޭ. ނަމަވެސް އަހަރެމެން އެންމެ ފަހުންކީ އަގާއިއެކު ސަންޗޭޒް ހޯދަން މަސައްކަތްކުރުން ހުއްޓާލިން." ސިޓީގެ ކޯޗް މަންޗިނީ ބުންޏެވެ.
ސަންޗޭޒްއާއިއެކު ވާހަކަދެއްކުން މެން ސިޓީން ހުއްޓައިލުމުން ބާސާއަށް ފުރުސަތު ބޮޑުވެފައ ިވީނަމަވެސް ބާސާއަށް އަދިވެސް ސަންޗޭޒްއާއިއެކު އެންމެ ފަހުގެ މަރުހަލާއަށް އާދެވިފައެއް ނުވެއެވެ.
ސަންޗޭޒްގެ ފީގެ ގޮތުގައި އުޑިނޭޒީން ކިޔަނީ 35.6 މިލިޔަން ޕައުންޑެވެ. ބާސާއިން އެއަގު ދޭން މަސައްކަތްކުރިނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސާއިން ސަންޗޭޒް ހޯދުމަށް ހުށަހަޅާފައިވާ އަގަކީ 24 މިލިޔަން ޕައުންޑެވެ.
"އަހަރެމެންވާނީ ކްލަބުން ސަންޗޭޒްއަށް ކިޔާނެ އެންމެ ފަހު އަގު ކިޔާފައި. އަހަރެމެން މިހާރު މިމަޑުކުރަނީ ކްލަބުގެ ބަހަކަށް." ބާސާގެ ތަރުޖަމާނަކު ބުންޏެވެ.