04 Mar 2017, 09:19
އަންނަ މަހުގެ ފަސް ވަަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "މީ ލޯތްބަކީ"ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ރިލީޒްކޮށްފިއެވެ.
"އޭ މަންޖޭ"ގެ ނަމުން ނަން ދީފައިވާ އެ ލަވަ ރޭ ދަންވަރު އާންމުކޮށް ފައިވާއިރު އެ ލަވައަކީ ފިލްމު ޕްރޮމޯޓްކުރަން އެޅި ފުރަތަމަ ފިޔަވަޅެވެ.
އަމިއްލަ ރާގަކަށް ހަދާފައިވާ އެ ލަވަ ކިޔާފައިވަނީ، މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ އަބްދުލް ފައްތާހު (ފަތޯ) އާއި އިބްރާހީމް ޝާފިއު (ފުބޫ)ގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން ވިދާލި އިބްރާހީމް އަމާނެވެ.
ފިލްމުގެ ބައެއް މަންޒަރުތަކާއެކު ދޫކޮށްލާފައިވާ އެ ލަވައިގެން މެލޮޑީ ހަދާފައި ވަނީ އަޖުއާން ހަސަންއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މުގާ) ބުނި ގޮތުގައި ފިލްމު ރިލީޒު ކުރުމުގެ ކުރިން އިތުރު ލަވަތަކާއި އަދި ޓްރެއިލާތައް ވެސް އާންމު ކުރާނެ އެވެ.
"ރޭގަ މި ދައްކާލީ ފިލްމުގެ ފުރަތަމަ ލަވަ. ވަރަށް އަވަހަށް އިތުރު ދެ ލަވައެއް އަނެއްކާވެސް ރިލީޒް ކުރާނެ. އަދި ޓްރެއިލާ ތައްވެސް އަންނާނެ،" މުގާ ބުންޏެވެ.
މުގާ ބުނި ގޮތުގައި އެ ފިލްމުގައި ހަ ލަވަ ހިމެނޭ އިރު، ދެވަނަ ލަވަ އާއި ތިން ވަނަ ލަވަ ވަރަށް އަވަހަށް ރިލީޒް ކުރާނެއެވެ. އޭގެތެރޭގައި ފިލްމުގެ ތީމް ލަވަ ހިމެނެއެވެ. އެ ލަވަ ވެސް ކިޔާފައި ވަނީ ފަތޯއެވެ. "ހީލާ ހަދާލަން" މި ނަމުން ނަންދީފައިވާ ފިލްމުގެ ތިން ވަނަ ލަވަ އަކީ ދި ޓިއުން ބޭންޑުން ގެނެސްދޭ ލަވައެކެވެ.
މިހާތަނަށް ރިލީޒްކުރި ލަވައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް މުގާ ބުންޏެވެ.

"މީ ލޯތްބަކީ" ގެ ފޯސްޓަރެއްގައި ފިލްމުގެ ބައެއް ތަރިން ---
އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ "މީ ލޯތްބަކީ" ގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު އަންނަ ހުކުރު ދުވަހުން ފެށިގެން އޮލިމްޕަހުން ޓިކެޓް ގަންނަން ލިބޭނެއެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ އެންމެ ބޮޑު ފިލްމުކަމަށް ބުނާ "މީ ލޯތްބަކީ" އިން މުޅިން އާ ތަރިންތަކެއް އަނެއްކާވެސް ފެންނާނެއެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒަ އެވެ. އަދި ކުރި އަރަމުން އަންނަ ދެ ލަވަކިޔުންތެރިއެއް ވެސް ފެނިގެންދާނެއެވެ.