ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމްއާ ހަވާލުވި ފަހުން ޕާޓީއާ އަލަށް ގުޅުނު މީހުންގެ އަދަދު 20،000 އަށް އަރާފާނެ ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަމްބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއަށް މެމްބަރުން އިތުރުކުރަން އެޕާޓީން ދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އިސްވެ ހުންނަވައި 11،000 ފޯމު ޕީޕީއެމަށް ހޯދިކަމަށް އެޕާޓީން ބުނެފައިވެ އެވެ.

ހަލީލް މިއަދު ވިދާޅުވީ މިހާތަނަށް އަލަށް ޕީޕީއެމާ ގުޅުން މީހުންގެ އަދަދު 20،000 ހަށް އަރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގިނަ ބަޔަކު ޕީޕީއެމާ ގުޅޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް އެ ޕާޓީން ހިންގާ ހަރަކާތްތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ލައްވައި މަޖުބޫރުން ޕީޕީއެމަށް ސޮއި ކުރުވާ ކަމުގެ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ.

އެކަމަށް ރައްދު ދެއްވައި ޕީޕީއެމުން ބުނެފައިވަނީ މަޖުބޫރުން ސޮއި ނުކުރުވާ ކަމަށާއި ޕީޕީއެމާ މީހުން ގުޅެނީ އަމިއްލަޔަށް ބޭނުންވެގެން ކަމަށެވެ.