03 Mar 2017, 21:04
ޕެނަލްޓީ ޝޫޓްއައުޓްގައި ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ހޯދައި، މުޅި ދިވެހިރާއްޖެ ފަހުރުވެރިކޮށްދީފިއެވެ.
ބަނގްލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ލަނޑުން އެއްވަރުވި ނަމަވެސް، ޕެނަލްޓީ ޝޫޓްއައުޓްގައި ޕޮޗިއޮންގެ މައްޗަށް 4-2 ލަނޑުން ވަނީ ކުރި ހޯދައިފައެވެ. އެ ކާމިޔާބާއެކު ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކޮށްދިން ފުރަތަމަ ޓީމަށް ޓީސީ މިވަނީ ވެފައެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---
މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ޓީސީންނެވެ. ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް މަހުދީ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވެފައެއް ނުވެއެވެ. އޭގެ މިނެޓެއް ފަހުން ޕޮޗިއޮންއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖީ ކިޔުން ޑޫކް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް (ބެންޖޯ)އެވެ. އައްޒާމް މުހައްމަދު ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބެންޖޯ ވަނީ ވަރަށް ރީތިކޮށް ބޮލުންޖަހައި ޕޮޗިއޮންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---
މެޗުގެ 31 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ، ޕޮޗިއޮންގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް، ޕޮޗިއޮންއިން ދިޔައީ ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ޕޮޗިއޮންއިން ހަމަލާތަކެއް އުފެއްދި ނަމަވެސް، ގިނަ ހަމަލާތައް ޓީސީގެ ނޭޕާލް ކީޕަރު ލިމްބޫ ކިރަން ކުމާރް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޕޮޗިއޮންއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕޮޗިއޮންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޖެންގް ޔޮންގްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޕޮޗިއޮންގެ ޖީ ކިޔޯންގް ޑޫކް ނަގައިދިން ކޯނަރު، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---
މެޗުގެ ދެވަނަ ހާފު ޕޮޗިއޮންއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ހަމަލާތަކަކަށްފަހު ޕޮޗިއޮންއިން ވަނީ ލަނޑެއް ޖަހައިފައެވެ. ދެވަނަ ހާފު ފެށިތާ ނުވަ މިނެޓްފަހުން ޕޮޗިއޮންގެ އެ ލަނޑަކީ ޓީސީގެ އަހްމަދު ފައްރާހު އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އެ ލަނޑު ޓީސީ ކޮޅަށް ވަދެފައިވަނީ ޕޮޗިއޮންއަށް ލިބުނު ކޯނަރެއްގެ ތެރެއިންނެވެ.
އެ ހަމަަލާއަށްފަހު ވެސް ޕޮޗިއޮންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ޕޮޗިއޮންއަށް ވަނީ ޓީސީގެ ކީޕަރު ކިރަންއާއި އެޓީމުގެ ޑިފެންސް ލައިން ފޫއަޅުވާލެވޭގޮތް ނުވެފައެވެ. އޭގެ ތެރެއިން ކީޕަރު ކިރަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް، ޓީސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މުހައްމަދު އައްޒާމެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ބާރު ހަމަލާއަކުންނެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ލަނޑުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރުވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރުވަގުުތުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ޕޮޗިއޮންއަށެވެ. އެޓީމުގެ ކުވަކް ސުންގް ވާން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، އައްޒާމް ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.
އިތުރު ވަގުތުގެ ކުޅުމުން ވެސް ނަތީޖާ ނެރެވިފައި ނުވުމުން ޕެނަލްޓީ ޝޫޓްއައުޓްއަށް ދާން ޖެހުނެވެ. ޓީސީން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، ޕޮންޗިއޮންގެ ދެ ޕެނަލްޓީއެއް ޓީސީގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައެވެ. ޓީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މިސްރު ޑިފެންޑަރު އިބްރާހިމް މަހުދީ ހުސައިންއާއި، ސެއިންޓް ވިންސެންޓް ފޯވަޑް ސްޓެވާޓް ކޯނެލިއަސްއާއި، ޔާމިން އިބްރާހިމް (ޔާމްބެ) އަދި ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޣަނީގެ ދަރި މުހައްމަދު އާރާޝް އައްސަދެވެ.
އެ މުބާރާތުގެ ޗެމްޕިއަން ކަމުގެ މަގާމުގެ އިތުރުން ފެއާޕްލޭ ޓީމަކަށް ވެސް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބެވެ.