ލ. ލިންކު ރޯޑުން ފޮނަދޫއަށް ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެ ޒުވާނުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ ލ. ގަމުގައި ހިނގި އިންސިންޑެންޓެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަންހެންކުއްޖާގެ ފައިގެ ފަލަމަސް ގަނޑުގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި ފިރިހެންކުއްޖާގެ ހަށީގަނޑުން އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ލ.ފޮނަދޫ ދެމީހުންނަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދުވެސް ލ. ލިންކުގައި އެފަދަ ހާދިސާއެއް ހިނގާފައި ވަނީ ކުރި ދުވަހު ވެސް އެފަދަ ހާދިސާއެއްގައި ހިނގި ސަރަހައްދުގަ އެވެ.

ގަމު މާންދޫ "ބެންޑު" ކައިރީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެކަކު ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ ލ.ގަން ތުނޑި، ރާޒް، އުމުރުން 27އަހަރުގެ މުހައްމަދު ރިފްޝާނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.