#LIVE S.K.I.C Cup: Penalty gai Pocheon balikoh, TC in Championkan hoadhaifi
#LIVE S.K.I.C Cup: Penalty gai Pocheon balikoh, TC in Championkan hoadhaifi

Last Updated:
9 year 9 month ago

ޕެނަލްޓީގައި ޕޮޗިއޮން ބަލިކޮށް، ޓީސީން ޗެމްޕިއަންކަން ހޯދައިފި

    ބުލޮގު ޚުލާސާ

    ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    ބަނގަލްދޭޝްގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލް މެޗަށް މިއަދު ހަވީރު ދެ ޓީމު ނުކުންނައިރު:

    • ދެޓީމު ވަނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައި. އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން.

    • މުބާރާތުގައި މިހާތަނަށް ޓީސީ އަދި ޕޮޗިއޮން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ.
    • ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައި.
    • ގްރޫޕް ސްޓޭޖުގައި ޕޮޗިއޮން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައި.
    • ޓީސީ އަކީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމު.
    • ފައިނަލުން ޓީސީއަށް ޖާގަ ލިބުނީ ސެމީގެ ފުރަތަމަ މެޗުގައި ނޭޕާލްގެ މަނަންގް މަޝިޔަންގުޑީއާ (އެމްއެމްސީ) އަތުން މޮޅުވެގެން.
    • ޕޮޗިއޮންއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި ބަނގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ އަތުން މޮޅުވެގެން.
    • ޓީސީއަކީ ރާއްޖޭގައި މިދިޔަ އަހަރު ކުޅުނު ހުރިހާ މުބާރާތެއް ރަނަރަޕްކަން ހޯދި ޓީމު. އަދި ޕޮޗިއޮންއަކީ މިދިޔަ އަހަރުގެ ދެކުނު ކޮރެއާގެ ހަތަރުވަނަ ޑިވިޝަންގެ ޗެމްޕިއަން.
    • ޓީސީ ވަނީ ފައިނަލުން ޖާގަ ހޯދައި، ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ރާއްޖޭގެ ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައި. މިއީ ޓީސީ ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް.
    20:16

    ޓީސީގެ ފަހު ޕެނަލްޓީ. އާރާޝް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް، ޓީސީ ޗެމްޕިއަންކަން ހޯދައިފި.

    20:15

    ޕޮންޗިއޮންގެ ހަތަރުވަނަ ޕެނަލްޓީ. ކޯ ޖީ މަން ފޮނުވާލި ޕެނަލްޓީ ޓީސީ ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

    20:15

    ޓީސީގެ ތިންވަނަ ޕެނަލްޓީ ޔާމިން އިބްރާހިމް (ޔާމްބެ) ކާމިޔާބުކޮށްފި. ޕެނަލްޓީގައި 3-2 ލަނޑުން ޓީސީ ކުރީގައި.

    20:13

    ޕޮންޗިއޮންގެ ތިންވަނަ ޕެނަލްޓީ ޖީ ކިޔޮންގް ޑޫކް ކާމިޔާބުކޮށްފި. ޕެނަލްޓީގައި 2-2 ލަނޑުން އެއްވަރު.

    20:13

    ޓީސީގެ ދެވަނަ ޕެނަލްޓީ ކޯނެލިއަސް ކާމިޔާބުކޮށްފި. ޕެނަލްޓީގައި 2-1 ލަނޑުން ޓީސީ ކުރީގައި.

    20:12

    ޕޮންޗިއޮގެ ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށްފި. ފޮނުވާލީ ކިމް ސޮއޯންގް.

    20:11

    ޓީސީން ފޮނުވާލި ޕެނަލްޓީ މިސްރު ޑިފެންޑަރު މަހުދީ ކާމިޔާބުކޮށްފި.

    20:11

    ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޕޮންޗިއޮން. ޓީސީގެ ކީޕަރު ކިރަން ވަނީ މަތަކޮށްފަ.

    20:06

    އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ވެސް ނިންމާލައިފި. އިތުރުވަގުތު ދެ ހާފަށްފަހު ދެން ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީ ޖަހައިގެން.

    20:03

    '27- ޕޮންޗިއޮންއިން ބަދަލެއް. ކުވަކް ސުންގް ވާންގެ ބަދަލުގައި ކުޅެން ނުކުތީ ކޯ ޖީ މާން.

    19:59

    '23- އަރާޝްއަށް ކުރި ފައުލަކާ ގުޅިގެން ޕޮޗިއޮންގެ ޕާކް ޖުންގް ސޫއަށް ވެސް ރީނދޫ ކާޑެއް ދައްކައިފި.

    19:56

    '20- ބޯޅަ ނެތިސް އަރާޝްއަށް ފައުލްކުރުމާ ގުޅިގެން ޕޮޗިއޮންގެ ހުވަންގް ޖިން ސަންއަށް ރީނދޫ ކާޑެއް ދައްކައިފި.

    19:53

    އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

    19:49

    އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައިރު، 2-2 ލަނޑުން ދެޓީމު އަދިވެސް އެއްވަރު.

    19:44

    '11- ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޮޗިއޮންގެ ކުވަކް ސުންގް ވާން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، އައްޒާމް އެ ބޯޅަ ދިފާއުކޮށްފި.

    19:42

    އިތުރުވަގުތުގެ ފުރަތަަމަ ހާފުގެ ދިހަ މިނެޓްގެ ކުޅުން ނިމިގެންދިޔައިރު ދެޓީމަށް ވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވޭ.

    19:37

    '3- ޓީސީގެ ނާއިޒް ނަގައިދިން ކޯނަރު ޕޮޗިއޮންގެ ކީޕަރު ދިފާއުކޮށްފި.

    19:33

    އިތުރުވަގުތުގެ ފުރަތަމަ ހާފްގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޓީސީން.

    19:29

    ފުރަތަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅޭނެ.

    19:28

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ދެވަނަ ހާފު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން.

    19:25

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.

    19:21

    '85- ޓީސީއަށް ހުސް ފުރުސަތެއް. ކެޕްޓަން އަލީ ނާފިއުއަށް ލިބުނު ބޯޅައަކުން އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް. އޭނާއަށް ބޯޅަ ލިބުނުއިރު ހުރީ ވަރަށް ހުސްކޮށް.

    19:20

    '84- ޓީސީން ބަދަލެއް. އިބްރާހިމް މަހުދީގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އަރާޝް އައްސަދު. އަރާޝްއަކީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީގެ ދަރިއެއް.

    19:19

    ޓީސީގެ ފުރަތަމަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިން ކުޅުންތެރިޔަކީ ވެސް އައްޒާމް.

    19:18

    ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އައްޒާމް މުހައްމަދު. ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕޮޗިއޮންގެ ޑިފެންޑަރެއް ގައިގައި ޖެހިފައި.

    19:17

    '83-ޓީސީން ނަތީޖާ ހަމަހަމަކޮށްފި.

    19:15

    '80- ޕޮޗިއޮންގެ އިތުރު ހަމަލާއެއް. ޖީ ކިޔޯންގް ޑޫކް ނަގައިދިން ހުރަހަކުން ޖޭންގް ޔޮންގް ބޮލުން އުފެއްދި ހަމަލާ، ޓީސީގެ ކީޕަރު ލިމްބޫ ކިރަން ކުމާރް ވަނީ މަތަކޮށްފަ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމަލާ ފޮނުވާލިއިރު، ޕޮޗިއޮންގެ ޖޭންގް ޔޮންގް ހުރީ ވަރަށް ހުސްކޮށް.

    19:12

    '75- ޓީސީން ބަދަލެއް. ބޮންޑާގެ ބަދަލުގައި ކުޅެން ނުކުތީ ސެއިންޓް ވިންސެންޓް ފޯވަޑް ސްޓެވާޓް ކޯނެލިއަސް.

    19:09

    '74- ޕޮޗިއޮންގެ ހަމަލާއެއް. ޖީ ކިޔޮންގް ޑޫކް ނަގައިދިން ހުރަހަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ޖެންގް ޔޮންގް ބޮލުން ފޮނުވާލި ހަމަލާ، ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    19:08

    ފަރުވާއަށްފަހު ބޮންޑާ ވަނީ ދަނޑަށް އަރާފައި.

    19:07

    '72- ޓީސީގެ ބޮންޑާއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.

    19:05

    68' ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ އިބްރާހިމް މަހުދީ ފޮނުވާލި ހަމަލާ، ކޯނަރަކަށް ބޭރުވެއްޖެ.

    19:04

    '67- ޕޮޗިއޮންގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމަކުން ޕޮޗިއޮންގެ ޖީ ކިޔޮންގް ޑޫކް ފޮނުވާލި ހަމަލާ، ޓީސީގެ ކީޕަރު ލިމްބޫ ކިރަން ކުމާރް ވަނީ މަތަކޮށްފަ.

    19:00

    '66- ޕޮޗިއޮންގެ ކުޅުންތެރިން ކައިރިކައިރީ ފޮނުވާލި ދެ ހަމަަލާއެއް ޓީސީގެ ޑިފެންޑަރުން ބްލޮކްކޮށްފި

    18:57

    '62- ޕޮޗިއޮންގެ ހަމަލާއެއް. ޖެންގް ޔޮންގް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    18:55

    '60- ޕޮޗިއޮންގެ ދެވަނަ ލަނޑަށްފަހު އަދި ދެޓީމަށް ވެސް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ.

    18:50

    ޕޮޗިއޮންއިން ނެގި ކޯނަރު ޓީސީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަހްމަދު ފައްރާހު ބޮލުން ޖެހި ބައިކޮޅަށް.

    18:48

    '54ޕޮޗިއޮންއިން ލީޑު ހޯދައިފި.

    18:46

    ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓްގައި ޕޮޗިއޮން ފެނުނީ ވަރުގަދަކޮށް. ނަމަވެސް ޕޮޗިއޮންއަށް ޓީސީގެ ގޯލަށް ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވޭ.

    18:39

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޮޗިއޮންއިން.

    18:24

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން.

    18:24

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.

    18:22

    އޭނާ އެލަނޑު ކާމިޔާބުކުރީ ޕޮޗިއޮންގެ ޖީ ކިޔޯންގް ޑޫކް ނަގައިދިން ކޯނަރު، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

    18:21

    '44-ޕޮޗިއޮންއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފި.ޕޮޗިއޮންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެންގް ޔޮންގް.

    18:20

    ޓީސީން ލީޑު ހޯދުމާއެކު ޕޮޗިއޮންއިން ދަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން އެޓީމުގެ ނުރައްކާތެރި ހުރަސްތަކެއް ވެސް ފެނިގެންދޭ.

    އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

    އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރަތް ކާމިޔާބުކޮށް މުޅި ރާއްޖެ ފަޚުރުވެރިވާނެ ނަތީޖާއެއް ޓީސީ ހޯދުން، މި މުބަރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުމަކީ މުޅި ގައުމުގެ ވެސް އުންމީދު
    18:15

    '38- ޕޮޗިއަންއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިޔާ ބޭރުން ޖަންގް ޔޮންގް ފޮނުވާލި ބާރު ހަމަލާ، ޓީސީގެ ކީޕަރު ލިމްޕޫ ކިރަން ކުމާރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.

    މުހައްމަދު ނިޒާމް (ނިޒާމްބެ)

    ދެކުނު ކޮރާއާގެ ޕޮޗިއޮން އެފްސީއާ ދެކޮޅަށް ނުކުންނާނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ގައުމު ފަހުރުވެރިކޮށްދިނުމުގެ މަގްސަދުގައި
    18:09

    '31- ޓީސީގެ އިބްރާހިމް މަހުދީއަށް ހުސް ފުރުސަތެއް. އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ވަނުމަށްފަހު ފޮނުވާލި ހަމަލާ، ޕޮޗިއޮންގެ ކީޕަރު ވަނީ މަތަކޮށްފަ.

    18:03އަޙްމަދު މުޖްތަބާ

    މި ފޯރިގަދަ ފައިނަލް މެޗު ކުރިއަށް ދާ އިރު، އަޅުގަނޑުމެން ޓީސީ ގޯޅިގަނޑަށްވެސް ޒިޔާރަތް ކޮށްލިން. ޓީސީ ގޯޅިގަނޑު ވަނީ މެޗުބަލަން ވަރަށް ބޮޑަށް ތައްޔާރުކޮށްފައި.

    ޓީސީ ގޯޅިގަނޑު މެޗުބަލަން ތައްޔާރުކޮށްފައި. ޓީސީގެ ސަޕޯޓަރުން ދަނީ ގޯޅިގަނޑު ތެރޭގައި ވަރަށް ފޯރިނަގަމުން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
    ޓީސީ ގޯޅިގަނޑު މެޗުބަލަން ތައްޔާރުކޮށްފައި. ޓީސީގެ ސަޕޯޓަރުން ދަނީ ގޯޅިގަނޑު ތެރޭގައި ވަރަށް ފޯރިނަގަމުން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
    ޓީސީ ގޯޅިގަނޑު މެޗުބަލަން ތައްޔާރުކޮށްފައި. ޓީސީގެ ސަޕޯޓަރުން ދަނީ ގޯޅިގަނޑު ތެރޭގައި ވަރަށް ފޯރިނަގަމުން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
    ޓީސީ ގޯޅިގަނޑު މެޗުބަލަން ތައްޔާރުކޮށްފައި. ޓީސީގެ ސަޕޯޓަރުން ދަނީ ގޯޅިގަނޑު ތެރޭގައި ވަރަށް ފޯރިނަގަމުން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
    ޓީސީ ގޯޅިގަނޑު މެޗުބަލަން ތައްޔާރުކޮށްފައި. ޓީސީގެ ސަޕޯޓަރުން ދަނީ ގޯޅިގަނޑު ތެރޭގައި ވަރަށް ފޯރިނަގަމުން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ
    18:02

    '23- ޕޮޗިއޮންގެ ނުރައްކާތެރި ހަމަލާއެއް. ޕޮޗިއޮންގެ އެ ހަމަލާ ޓީސީގެ ނޭޕާލް ކީޕަރު ލިމްބޫ ކިރަން ކުމާރު ވަނީ މަތަކޮށްފައި. މުބާރާތުގެ ފައިނަލުން ޓީސީއަށް ޖާގައެއް ހޯދައިދިނުމަށް ނޭޕާލް ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރުގެ ދައުރު ފާހަގަކޮށްލެވޭ. އޭނާއަކީ ވެސް މިސީޒަނުގައި ޓީސީއާ ގުޅުނު ކުޅުންތެރިއެއް.

    18:00

    ޓީސީއަށް ލީޑު ހޯދައިދިން ބެންޖޯއަކީ ޝަމްވީލް ގާސިމް (ބޮންޑާ)އާއެކު އެޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ. އޭނާ އަކީ މިސީޒަނުގައި ޓީސީއާ ގުޅުނު ކުޅުންތެރިއެއް.

    17:56

    އައްޒާމް މުހައްމަދު ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބެންޖޯ ވަނީ ވަރަށް ރީތިކޮށް ޕޮޗިއޮންގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި. އޭނާ އެލަނޑު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުން.

    17:55

    '18-ޓީސީން ލީޑު ހޯދައިފި.ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް (ބެންޖޯ).

    17:51

    '13- ޓީސީގެ އިބްރާހިމް މަހުދީ ބޯޅަ ހިފައިގެން ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ކީޕަރު ވަނީ ފަސޭހަކަމާއެކު ބޯޅަ ހޯދާފައި.

    17:46

    '8- ޕޮޗިއޮންއިން ވެސް ނުރައްކާކޮށްފި. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖީ ކިޔުން ޑޫކް ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވޭ.

    17:44

    '7- ޓީސީއަށް ފުރުސަތެއް. ޕޮޗިއޮންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް މަހުދީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

    17:41
    17:41
    17:38

    މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޓީސީން.

    17:34

    ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް އަރައިފި. ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެފައިވޭ.