03 Mar 2017, 17:33
ސައުދީ ސަރުކާރާ ގުޅިގެން ފ އަތޮޅުގައި ހިންގާ މަޝްރޫއަށް އެ އަތޮޅުގެ 90 ޕަސެންޓް މީހުން ތާއީދު ކުރާ ކަމަށް ފ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ފ އަތޮޅުގައި ސަރުކާރުން ގާއިމް ކުރަނީ ޓައުން ޝިޕެއް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގަައި ވަނީ އިޝާރާތް ކުރައްވާފަ އެވެ. "ފ. އަތޮޅު މަޝްރޫއަކީ މެޑިޓެރޭރިއަންގެ ރަށްރަށަށް ބަލާ ކަމަށް ވާނަމަ ފްރެންޗް ރިވިއަރާގައި މި އޮންނަ ކަހަލަ މަޝްރޫއެއް،" ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ފ އަތޮޅު ބިލެއްދޫގައި މިހާރު ކުރިއަށްދާ އިހުތިޖާޖާ ގުޅިހެން 'ސަން' އިން ސުވާލު ކުރުމުން މެމްބަރު ހަލީލް ވިދާޅުވީ ފ އަތޮޅުގެ 90 ޕަސެންޓް މަޝްރޫއަށް ތާއީދު ކުރާ ކަމަށެވެ.
ހާލީލް ވިދާޅުވީ ނޫސްވެރިންގެ ނަމުގައި ބަޔަކުފަ އަތޮޅަށް ގޮސް ފ އަތޮޅަށް ގެންނަން އުޅޭ ތަރައްގީއާ ދެކޮޅު ވާހަކަތައް ދައްކާ ކަމަށެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކުރާ ކަމެއް ކަމަށް ހަލީލް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ފ ނިލަންދޫއަށް ދިޔަ މޯލްޑިވްސް އިންޑިޕެންޓެންޓް ނޫހުގެ ދެ ނޫސްވެރިންނަށް އެރަށުން ބަޔަކު އިންޒާރުދިން ކަމަށް ބުނާ ވާހަކައާ ދެކޮޅަށް ހަލީލް ވަނީ ބަޔާނެއްވެސް ނެރިފަ އެވެ. ހަލީލް ވިދާޅުވީ ނޫސްވެރިންނަށް އިންޒާރުދިން ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރުނީ ނިލަންދޫ ރައްޔިތުން ބަދުނާމު ކުރަން ކަމަށެވެ.
ނިލަންދޫއަށް ދިޔަ އެއްވެސް ނޫސްވެރިއަކަށް އެރަށު މީހުން އިންޒާރުދީފައި ނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިނަނަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމީހުން ކުރި ސުވާލުތަކަށް ނިލަންދޫ ބައެއް މީހުން ޖަވާބުވެސް ދީފައިވާ ކަމަށެވެ.
ހަލީލް އެހެން ވިދާޅުވެފައިވާއިރު މޯލްޑިވްސް އިންޑިޕެންޑެންޓުގެ ދެ ނޫސްވެރިއަކަށް ފ އަތޮޅު ނިލަންދޫ ބަޔަކު އިންޒާރު ދިނުމާއި ގުޅިގެން އެ މީހުންނަށް ހިމާޔަތް ދިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ފ އަތޮޅު މަޝްރޫއާ ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ އެ އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި "މިއުޅެނީ އެއްވެސް ތަނެއް ވިއްކާލަން ނޫން" ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.