އަންނަ މަހުގެ ހަތް ވަނަ ދުވަހު ޖަޕާންގެ ކޯބޭގައި ފަށާ 19 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ދެ އެތުލީޓުން އަންނަ ހޯމަ ދުވަހު ޖަޕާނަށް ފުރާނެ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓެކެވެ. ފިރިހެން އެތުލީޓަކީ ޤައުމީ ޕޫލްގައި ފަރިތަކުރަމުން އަންނަ ދިވެހި ސިފައިންގެ ކްލަބްގެ އެތުލީޓް ޝިފާޒް މުޙައްމަދު އެވެ. އަންހެން އެތުލީޓަކީ ޤައުމީ ޕޫލްގައި ފަރިތަކުރަމުން އަންނަ ކަސްޓަމްސް ރިކްރިއޭޝަން ކްލަބްގެ އަފާ އިސްމާޢީލެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޝިފާޒް ވާދަކުރާނީ ފިރިހެނުންގެ 800 މީޓަރު އަދި 1500މީޓަރުގެ ދުވުމުގައެވެ. އަދި އަފާ ވާދަކުރާނީ އަންހެނުންގެ 100 މީޓަރު އަދި 200 މީޓަރުގެ ދުވުމުގަ އެވެ.

މި ދެ އެތުލީޓުންނާއެކު މުބާރާތަށް ފޮނުވާގޮތަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަންގެ ޤައުމީ ޕޫލްގެ މިޑްލް ޑިސްޓެންސް ކޯޗް އިބްރާހީމް ތަވްފީޤެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުން ހޮވާފައިވަނީ މެއިމަހުގައި ބޭއްވި ޓައިމް ޓްރައަލްގެ ރިޒަލްޓްތަކަށް ބަލައިގެން ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
މުބާރާތް ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެ އެވެ.