03 Mar 2017, 16:04
ތިންވަނަ އޭވީސީ ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް އިއުލާންކޮށްފިއެވެ.
ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު ބައިވެރިވެފައިވަނީ ތުރުކުމެނިސްތާނާއި ކިރްގިސްތާނާއި ނޭޕާލް އަދި ދިވެހިރާއްޖެ ކަމަށެވެ.
"މާޗް މަހު 22ގައި ފެށުމަށް ހަމަޖެހިފައިވާ ތިންވަނަ އޭޝިއަން ސީނިއާ މެންސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން ބަންދުކޮށްލައިފިން. ބައިވެރިވެފައިވަނީ ހަތަރު ގައުމު. މުބާރާތުގައި ކުޅޭ ޓީމުތައް މާލެ އައުމަށް ހަމަޖެހިފައިވަނީ މާޗް 20ގައި. އަދި މުބާރާތް ނިންމާފައި ޓީމުތައް ފުރާނީ މާޗް 31ގައި،" އޭނާ ވިދާޅުވިއެވެ.
އެ މުބާރާތުގެ ކަންތައްތައް އިންތިޒާމްކުރުމަށް ވީއޭއެމްއިން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ. އެ ކޮމިޓީގެ ސީއީއޯއަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ޝާފީއެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، އެ އެސޯސިއޭޝަންގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ގައުމީ ޓީމުގެ ކަންތައްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި 'ޑިރެކްޓަރ އޮފް ނޭޝަނަލް ޓީމްސް'ގެ މަގާމެއް ވެސް އުފައްދާފައިވާ ކަމަށެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ އަލީ ލަތީފެވެ.
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދެވަނަ މުބާރާތެވެ. ޖެނުއަރީ މަހު ބޭއްވި ވިމެންސް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީރާނެވެ. އެ މުބާރާތުގައި ދެން ވާދަކޮށްފައިވަނީ ރާއްޖެއާއި ނޭޕާލެވެ.
މިދިޔަ އަހަރުގެ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއިން ވަނީ ތިންވަނަ ހޯދައިފައެވެ. އަދި 2015 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖެއިން ވަނީ ރަނަރަޕްކަން ހޯދައިފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް މިއަހަރު ބައިވެރިވެފައިނުވާ އިރު، މިދިޔަ އަހަރުގެ ރަނަރަޕް ކިރްގިތާސްތާނާއި 2015ގެ ޗެމްޕިއަން ތުރުކުމެނިސްތާން މިއަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ.