03 Mar 2017, 15:16
ދަވްޙާ (މާޗް 3) : ގަތަރުގެ އަސްލު ރައްޔިތުންގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކަ މީހުން ކަމަށްވީނަމަވެސް ގަތަރުގައި 2.8 މިލިޔަން މީހުން ދިރިއުޅޭކަން އެގައުމުން ހާމަކޮށްފިއެވެ.
ގަތަރު ސަރުކާރުން އިއްޔެ ނެރުނު ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުން އެގައުމުގައި ގާތްގަނޑަކަށް 2.4 މިލިޔަން ބޭރުމީހުން ދިރިއުޅެއެވެ. 2.4 މިލިޔަން ބޭރުމީހުންގެ ތެރެއިން 95 އިންސައްތަ މީހުންނަކީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ބޭރުގެ ލޭބަރުން ނުވަތަ މަސައްކަތްތެރިންނެވެ.
ގަތަރުގެ ޑިވެލޮޕްމެންޓަލް ޕްލޭނިންގް އެންޑް ސްޓެޓިސްޓިކްސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން 2010 ވަނައަހަރަށްފަހު ގަތަރުގެ އާބާދީއަށްވަނީ މިލިޔަނަކަށްވުރެ ގިނަ ބޭރުމީހުން އިތުރުވެފައެވެ. 2010 ގެ ކުރިންވެސް ގަތަރުގައި މިލިޔަނަކަށްވުރެ ގިނަ ބޭރުމީހުން ދިރިއުޅެމުން ގެންގޮސްފައިވެއެވެ،

ގަތަރުގައި މަސައްކަތްކުރާ ބޭރުމީހުން
2010 އަކަށްފަހު ގަތަރުގެ އާބާދީއަށް އަލަށް އިތުރުވި މިލިޔަނެއްހާ ބޭރުމީހުން މަސައްކަތްކުރަނީ 2022 ގައި އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްއަށް ތައްޔާރުވުމުގެ ގޮތުން ބިނާކުރާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުގައެވެ. މީގެތެރޭގައި ޒަމާނީ ބޮޑެތި ސްޓޭޑިޔަމްތައް ބިނާކުރުމާއި މަގުތަކާއި އިލެކްޓްރިކް ރޭލްވޭތަކާއި ޕާކުތަކާއި މަތީފެންވަރުގެ ހޮޓާތަކާއި އެޕާޓްމަންޓް ތަކާއި ރެސްޓޯރެންޓްފަދަ ތަންތަން ބިނާކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
2022 ގެ ވޯލްޑްކަޕް ގަތަރުގައި ބޭއްވުމަށް ހަމަޖެހުނީ އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ރިޝްވަތު ގެ މުއާމަލާތްތަކެއް ގަތަރު ސަރުކާރުން ހިންގައިގެންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިމައްސަލަ ތަހްގީގް ކުރުމުގެ ވާހަކަތައް ބައިނަލްއަގްވާމީ ފެންވަރުގައި ދައްކަން ފެށުމުން ފުޓްބޯޅައިގެ ދާއިރާގައި ހިމެނޭ ބައިނަލްއަގްވާމީ މަތީފެންވަރުގެ އޮފިޝަލުންނަށް އަދި ކުރިއަށްވުރެ ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެން އެތަހްގީގްތައް ހުއްޓުވިކަމުގެ ތުހުމަތު ގަތަރު ސަރުކާރުގެ މައްޗަށް ކުރެވިފައިވެއެވެ.
މީގެއިތުރުން ގަތަރުގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝް، އިންޑިޔާ، ނޭޕާލް އަދި އިންޑޮނީޝިޔާ ފަދަ ގައުމުތަކުގެ މީހުންނާމެދު ވަރަށް އިހާނާތްތެރިކޮށް އަމަލުކުރާ ކަމުގެ ތުހުމަތުވެސް ގަތަރު ސަރުކާރުގެ މައްޗަށްވަނީ ކުރެވިފައެވެ. މިގޮތުން ގަތަރުގައި މަސައްކަތްކުރާ ބޭރުމީހުން، އިންސާނުން ދިރިއުޅެން ކަމުނުދާ ފެންވަރުގެ ދަށްތަންތަނުގައި ބޭތިއްބުމާއި އެމީހުންނަށް ރަނގަނޅަށް ކާންބޯން ނުދިނުމާއި ބޭސްފަރުވާއާމެދު އިހްމާލްވުމާއި ކުރާ މަސައްކަތާ އެކަށީގެންނުވާ ވަރުގެ ކުޑަ ކުޑަ މުސާރައެއް ދީގެން އަޅުންގެންގުޅޭ ގޮތަށް އެމީހުން ގެންގުޅޭ ކަމުގެ ތުހުމަތުތައް ގަތަރު ސަރުކާރުގެ މައްޗަށް ކުރެވިފައިވެއެވެ.

ވޯލްޑްކަޕް އަށް ގަތަރުން ބިނާކުރާ ސްޓޭޑިޔަމް ތަކުގެ ތެރެއިން ސްޓޭޑިޔަމް އެއް
މިތުހުމަތުތަކާ ގުޅިގެން ގަތަރުންވަނީ ބޭރުގެ ލޭބަރުންގެ ހާލަތު ރަނގަނޅު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. މިފިޔަވަޅުތަކާއެކުވެސް ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްފެންވަރަށް ގަތަރުން ބޭރުގެ ލޭބަރުންގެ ކަންތައްތައް އަދިވެސް ރަނގަނޅުކޮށްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.
2022 ގައި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްއަށް ތައްޔާރުވުމުގެ މަޝްރޫޢުތަކަށް ދުވާލެއްގެ މައްޗަށް 500 މިލިޔަން ޑޮލަރު ޚަރަދުވާކަމަށް ގަތަރު ސަރުކާރުން ދާދިފަހުންވަނީ ހާމަކޮށްފައެވެ. ގަތަރަކީ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން އާދަޔާ ޚިލާފަށް ލިބިފައިވާ ގަލްފުގެ ވަރަށް ކުޑަ ކުޑަ އަރަބި ގައުމެކެވެ. ގަލްފުގެ އަރަބި އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ގަތަރުގައިވެސް އޮންނަނީ ވިރާޘީ ރަސްކަމުގެ ބޯދާ ނިޒާމެކެވެ. މިނިޒާމުގައި ރައްޔިތުންނަށް ވެރިކަމުގެވެސް އަދި ގައުމުގެ ރިސޯސްތަކުގެވެސް އެއްވެސް ބާރެއް ނޯވެއެވެ. ހުރިހާ ބާރެއް އޮންނަނީ ވެރިކަންކުރާ ޝާހީ އާއިލާގެ އަތްމަތީގައެވެ. (އޭއެފްޕީ)