03 Mar 2017, 15:08
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަކީ ސޯޝިއަލް މީޑިއާ އާ މާ ރައްޓެހި ބޭފުޅެއް ނޫންކަމަށް ގިނަ ބަޔަކު ވާހަކަތައް ދައްކަ އެވެ. ހާއްސަކޮށް މިޒަމާނުގެ ކުދިން ނަގާގޮތަށް ސެލްފީ ނެގުންފަދަ ކަންކަން މީގެ ކުރިން ސަލްމާން ރަސްގެފާނު ކޮށްފައިވާތަން ފެނިފައެއް ނުވެ އެވެ.
އެންމެ ފަހުންވެސް ސެލްފީއަކުން ސަލްމާން ރަސްގެފާނު އާންމުންނަށް ފެނިފައިވަނީ ގަތަރުގައި ކެންސަރާ ހަނގުރާމަކޮށް ސަލާމަތްވި ކުއްޖަކާ އެއްކޮށެވެ.
ނަމަވެސް ސަލްމާން ރަސްގެފާނު އޭޝިއާއަށް ފައްޓަވައިގެން މިއުޅޭ ދަތުރުފުޅުގެ ކުލަވަރު ވަރަށް ތަފާތެވެ. ފުރަތަމަ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރަޒާގާ އެއްކޮށް ސެލްފީ ނަންގަވައި ބޮޑުވަޒީރުގެ ފޭސްބުކް އަދި ޓްވިޓާގައި އާންމު ކުރެއްވި އެވެ.

އެހާ ހިސާބުން އާންމުން ދައްކަމުން ދިޔަ ވާހަކައަކީ ބޮޑުވަޒީރު ނަޖީބު ރަޒާގަކީ ސަލްމާން ރަސްގެފާނުގެ ވަރަށް ގާތް ބޭފުޅަކަށް ވުމުން ސެލްފީއެއް ނަގާލަން ފުރުސަތު ލިބުނީ ކަމަށެވެ. ކޮންމެ ކޮންމެ މީހަކަށް އެ ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެމަންޒަރު އަނެއްކާވެސް މިވަނީ ތަކުރާރުވެފަ އެވެ. މިފަހަރު އިންޑޮނޭޝިއާގެ ކުރީގެ ރައީސް މަގްވަތީ ސުކަންނޯޕުޓްރީ އަދި އޭނާގެ ދަރިފުޅު ޕުއާން މަހަރާނީއާ އެކު އެވެ. އެމަންޒަރު ބަލަން އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ ހުންނެވި އެވެ. ސަލްމާން ރަސްގެފާނެ އަނެއްކާވެސް މީހުން ހައިރާކޮށްލީ އެވެ.
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިދޯދޯ ޖެއްސި ފޭސްބުކް ލައިވްއެއްގައިވެސް ސަލްމާން ރަސްގެފާނު ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދެއްކެވި އެވެ. އެހެންވީމަ ސަލްމާން ރަސްގެފާނަކީ ސޯޝަލް މީޑިއާއާ ދުރު ބޭފުޅެކޭ ބުނެވޭކަށް ނެތެވެ.
ސަލްމާން ރަސްގެފާނު މިހާރު ހުންނެވީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގަ އެވެ. އެ ސިޓީން ދެން ރަސްގެފާނެ ވަޑައިގަންނަވާނީ ބާލީ އަށެވެ. އެއީ ރިސޯޓުތައް ތަރައްގީކޮށްފައިވާ ސިޓީ އެކެވެ. މައުލޫމާތު ލިބޭގޮތުން ބާލީން ހަތަރު ހޮޓަލަކާއި 300 ކާރު ސަލްމާނު ރަސްގެފާނު ވަޑައިގަންނަވާތީ ވަނީ ބުކްކޮށްފަ އެވެ.
އިންޑޮނޭޝިއާއަށް ފަހު ބުރީނީ، ޗައިނާ، ޖަޕާންގެ އިތުރުން ރާއްޖެ އަދި ޖޯޑަންއަށް ސަލްމާން ރަސްގެފާނު ވަޑައިގަންނަވާނެ އެވެ.