ބައިނަލްއަޤުވާމީ މުބާރާތެއްގެ ފައިނަލާ ހިސާބަށް ދިވެހި ޓީމެއް ދަތުރުކުރުމަކީ ދިވެހި ފުޓްބޯޅަ ކުރިއަރުވައި ފޯރިގަދަ ކުރަން އުޅޭ ވަގުތެއްގައި ދިވެހި ފުޓްބޯޅައަށް ވަރަށް މުހިއްމު ކަމެއް ކަމަށް ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ، ސަންސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެފްއޭއެމްއިން ފަހިކޮށްދިން ފުރުޞަތުގެ ބޭނުން ހިފައި ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ޓީސީ ފައިނަލަށް ދަތުރު ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެ ބައްސާމް ވިދާޅުވީ، މި ކާމިޔާބީ އަކީ ދިވެހި ފުޓްބޯޅައަށް މުހިއްމު ކާމިޔާބީއެއްކަމަށާއި ޓީސީގެ މެނޭޖްމެންޓާއި ކުޅުންތެރިންނާއި އަދި ކޯޗަށް މަރުހަބާއާ ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހި ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުހިއްމު މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ބައްސާމް ވިދާޅުވީ، ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނާއި މުޅި ދިވެހިންގެ އުންމީދަކީ ރާއްޖެ ފަހުރުވެރިވާފަދަ ނަތީޖާއެއް ހޯދައިގެން ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ތަށި ރާއްޖޭގައި ބެހެއްޓުމެވެ.

" އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރަތް ކާމިޔާބުކޮށް މުޅި ރާއްޖެ ފަޚުރުވެރިވާނެ ނަތީޖާއެއް ޓީސީ ހޯދުން، މި މުބަރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުމަކީ މުޅި ގައުމުގެ ވެސް އުންމީދު،" ބައްސާމް ވިދާޅުވިއެވެ.

އެ މުބާރާތުގެ ތަށި ރާއްޖޭގެ ފަސްގަނޑަށް ގެނައުމަކީ ހުރިހާ ދިވެހީންވެސް މިހާރު އެދިއެދި ތިބި ކަމެއް ނަމަވެސް ޓީސީއަށް އިތުރު ޕްރެޝަރު ނުދިނުމަށް ބައްސާމް ވަނީ ދިވެހި ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑު އެދެން ޓީސީއަށް އިތުރު ޕްރެޝަރު ނުދިނުމަށް، މުޅިގައުމު މިކަމަށް އެދިއެދި ތިބޭކަން ޓީސީ އަށް އެނގިއްޖެ ނަމަ އެ ޓީމު ކުޅުންތެރިންނަށް ނުތަނަވްސްކަމެއް އައުމަކީ ވެދާނެކަމެއް، އެހެންވީމަ އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންވީ ޓީސީއަށް ވެސް ފައިދާވާނެ ގޮތައް، އަޅުގަނޑުމެން ބަލަންވީ ހިތްވަރުދީގެން ޓީސީއަށް މި ތަށި ކާމިޔަބުކުރެވޭނެ ގޮތައް އަޅުގަނޑުމެންގެ އަމަލު ތައް ބެހެއްޓުމަށް،" ބައްސާމް ވިދާޅުވިއެވެ.

ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ފައިނަލުމެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގައެވެ. ބައްދަލުކުރާނީ ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީއާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބެވެ.