03 Mar 2017, 00:25
މީގެ ކުރިން ބާރުގަދަ ބޮޑެތި ގައުމުތައް ކުދި ގައުމުތައް އަޅުވެތިކޮށްގެން ގެންގުޅުނު ފަދައިން މިހާރު ވެސް ގައުމުތަކަށް އިސްތިއުމާރުގެ ނުރައްކާ އެބަ އޮތް ކަމަށް އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް ދެއްވި ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށް ނިސްބަތްވާ 'ހުރަވީ ދުވަސް' ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ސައީދު ވިދާޅުވީ އިސްތިއުމާރު ތަފާތު ގޮތްގޮތަށް މާނަ ކުރެވޭ ކަމަށާއި އޭގެ ނުރައްކަލަށް ދިވެހިި ގައުމު ހޭލާ އޮންނަން ޖެހޭ ކަމަށެވެ.
ދިވެހި ގައުމު ފަރުވާވެ ހޭލަން އޮންނަން ޖެހެނީ އިހަށް ދުވަހެކޭ އެއްފަދައިން، އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް އިސްތިއުމާރަކީ ދެމިއޮތް ނުރައްކަލެއް ކަމާމެދުއަބްދުﷲ ސައީދު
"ދިވެހި ގައުމު ފަރުވާވެ ހޭލަން އޮންނަން ޖެހެނީ އިހަށް ދުވަހެކޭ އެއްފަދައިން، އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް އިސްތިއުމާރަކީ ދެމިއޮތް ނުރައްކަލެއް ކަމާމެދު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"އިސްތިއުމާރުގެ ތަފާތު ކުލަތަކާއި ބާވައްތަކާއި ވައްތަރުތަށް ހިމެނޭ. އޭގެތެރޭގައި އަސްކަރީ ބާރުތަކުގެ ބޭނުންކޮށްގެން ކުރެވޭ އިސްތިއުމާރު ހިމެނޭ ގައުމުތަކުގައި އުޅޭ ގައުމުގެ ހިޔާނާތްތެރިންނާއި ގައްދާރުން އައުވާނުންގެ ގޮތުގައި ބޭނުންކޮށްގެން ކުރެވޭ އިސްތިއުމާރުގެ ބާވަތްތަށް ހުރޭ."
އޭނާ ވިދާޅުވީ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ހުރިހާ ގައުމުތަކަކުން ވެސް ޔުނައިޓެޑް ނޭޝަން ނުވަތަ އެކުވެރި ދައުލަތް (އދ)ގެ ޗާޓަޑްގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށެވެ.
"ބާރުވެރި ގައުމުތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ބޭނުމުގައިި ކުދި ގައުމުތަކަށް ނުފޫޒާއި ފިއްތުންތަން ކުރިމަތިކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއްގެ ގޮތުގައި ބައިނަޣްވާމީ ޖަމާއަތްތަކާއި ތަންޒީމްތަށް ބޭނުންނުކުރުން. އަދި އެއްވެސް ގައުމަކުން އަނެއްގައުމަކަށް ނުފޫޒްތަކާއި ފިއްތުންތައް ކުރިމަތިކުރުވުމުން މަނާވެގަތުން ފަދަ އުސޫލްތައް ހިމެނޭ،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ތަފާތު އެކިފަހަރުމަތިން ގެއްލުނުކަން ފާހަގަކޮށް އޭގެތެރެއިން ވެސް ހޮޅީންގެ އަތްދަށުގައި ހޭދަކުރި ހަތަރު މަސްދުވަހުގެ އަނިޔާވެރިކަން ދިވެހިން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަންފާހަގަކޮށްފައެެވެ.
"އެ ހަތަރު މަސް ދުވަހުގެ ތެރޭގައި ހޮޅީން ދިވެހިންގެ އެތައްބައެއްގެ ލޭ އޮހުރުވާލާއި ޝަހީދުކޮށްލި. ގައުމީ މައްސާސާތަކާއި ތާރީހީ ލިއުންތަކާއި ގައުމީ ތަރިކަތައް ހަލާކުރު. އަދި ދިވެހިންނަކީ ދިވެހިންކަން ވަކިކޮށްދޭ ސިފަތައް ދިވެހިންގެ ކިބައިން ނިގުޅާގަންނަށް މަސައްކަތްކުރި،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިނިވަންކަން ގެއްލޭ ކޮންމެ ފަހަަރަކު އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ހޯދައިދިނުމުގައި މަސަތްކަތް ކުރާ ބަތަލުންގެ އަޅުގަނޑުމެނަށް ދޫކުރެއްވި އެންމެ އަގުހުރި އަމާނާތަކީ އިސްލާމާދީންގެ އުސޫލުތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ދައުލަތެއްގެ ގޮތުގައި ދިވެހި ގައުމު ދެމިއޮތުން ކަމަށެވެ.
"އަމިއްލަ ވެރިކަމާއި ސިޔާދަތާއި އިސްތިގްލާލަށް ރައްކާތެރިވުން ދިވެހިވަންތަކަމުގެ އަސާސްތަަކަށް ރައްކާތެރިވުން މީގެތެރޭގައި ދިވެހި ބަހާއި ދިވިހެންގެ މެދުގައި އޮންނަން ޖެހޭ އުހޫވަތްތެރިކަމާއި އެއްބައިވަންތަކަމަށް ރައްކާތެރިވުން ރާއްޖޭގެ ބިމުގެ ސަރަހައްދުގެ އެއްބައިވަންތަކަމާއި ދިވެހިންގެ ތާރީހާއި އާދަކާދަތަކާއި ސަގާފަތާއި ގައުމީ ތަރިކަތައް ރައްކާތެރިވެ އަމާނާތްތެރި ވާން ޖެހޭ،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.