ރ. ދުވާފަރުން އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖަހައި މީހަކު ޒަހަމްކޮށްލި ހާދިސާއަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލައާ ގުޅިގެން އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަަމަށް ފުލުހުން ބުނެފިއެވެ.

ދުވާފަރު ނީލަމްގޭ، އިބްރާހިމް މުހައްމަދު، 71، ގެ މޫނަށް ކެމިކަލް ޖަހާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ފަތިސް ނަމާދަށް ދިޔަ މަގުމަތީގައެވެ. އެ ހަދިސާ ހިނގުމާ އެކު އޭނާއަށް ވަނީ އެރަށު ސިއްހީ މަރުކަޒާއި އެ އަތޮޅު ދުވާފަރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު މެންދުރުފަހު އެމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ ދުވާފަރުން މީހެއްގެ މޫނަށް ކެމިކަލް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ޖެހި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި އަދިވެސް މީހަކު ހައްޔަރު ނުކުރެވޭ ކަމަށެވެ.

އެ މައްސަލާގައި ސީރިއަސް ޒަހަމްތަކެއް އިބްރާހިމް މުހައްމަދު އަށް ނުލިބުނު ނަމަވެސް އަދިވެސް އޭނާއަށް އަންނަނީ އައިޖީއެމްއެޗްގައި އެދުމަތިކޮށް ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އިބްރާހިމް މުހައްމަދުގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާއަށް ކަނާއަތު ލޮލަށް ކެމިކަލެއް ޖެހުމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ކަނާއަތު ލޯ ފިޔަވައި އެހެން ތަނަކަށް ގެއްލުން ނުލިބޭ ކަމަށް ޑޮކްޓަަރު ވަނީ ބުނެފަ. މިހާރު ފަރުވާ ދެމުންދަނީ ކަނާއަތު ލޮލުގައި ބޭސް އަޅާފައި ވުމުން. ނަމަވެސް އަންނަ ހަފްތާގައި ބޭސްގަނޑު ނެގުމަށް ފަހު ޑިސް ޗާޖު ކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަނާއަތު ލޮލަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަން ކަށަވަރު ވާނީ ބޭސް ނެގުމަށްފަހު ހަދާ ޓެސްޓްތަކަށް ފަހުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި ށ. ޅައިމަގުގައި ވެސް ވަނީ އަންހެނެއްގެ މޫނަށް ކެމިކަލް ޖަހައިފައެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.