ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި ދެކުނު ކޮރާއާގެ ޕޮޗިއޮން އެފްސީއާ ދެކޮޅަށް ނުކުންނާނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ގައުމު ފަހުރުވެރިކޮށްދިނުމުގެ މަގްސަދުގައި ކަމަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މާދަމާ ކުޅޭ ފައިނަލް މެޗުގައި ޕޮޗިއޮންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އެންމެފަހުގެ ފަރިތަކުރުންތައް ޓީސީން މިއަދު ކުރިއަށްގެންދިޔައިރު، ނިޒާމްބެ ބުނީ "ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ.

އެ މެޗަށް ޓީސީ އާއި ޕޮޗިއޮން މާދަމާ ނުކުންނައިރު، ގްރޫޕް ސްޓޭޖުގައި ވެސް އެ ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): އޭނާ ވަނީ ޓީސީއަށް ބައިނަލްއަގުވާމީ މުބާރާތެއްގެ އެންމެ ދުރަށް ދަތުރުކުރި ދިވެހި ޓީމުގެ ޝަރަފު ހޯދައިދީފަ ---

"ހުރިހާ ކުޅުންތެރިން ވެސް ފިޓް. އެއްވެސް އަނިޔާއެއް ނެތް. ޕޮޗިއޮންއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗާއި ސެމީގައި އެޓީމު ކުޅުނު މެޗަށް ބަލައި، އެޓީމު ބަލިކަށި ކޮށްލުމަށް ވާނީ ގޭމް ޕްލޭން ތައްޔާރުކޮށްފައި. އަޅުގަނޑުމެން މެޗަށް ނުކުންނާނީ މޮޅުވާން. އަޅުގަނޑުމެންނަށް މުބާރާތުގައި ދެކުނު އޭޝިއާގެ ތިން ޓީމާއި ބަނގްލަދޭޝްގެ ލީގު ޗެމްޕިއަން ބަލިކުރެވުމުން ކުޅުންތެރިންނަށް ވަނީ ފައިނަލް މެޗަށް ވަރުގަދަ ހިތްވަރެއް ލިބިފައި،" ޓީސީގެ ކޯޗު ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ، ޕޮޗިއޮންއަކީ ދެކުނު ކޮރެއާގެ ތިންވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވިޔަސް އެގައުމަކީ ވޯލްޑް ކަޕްގައި ވާދަކުރި ގައުމެއްކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، ފީފާ ރޭންކިންގައި ވެސް އެގައުމު އޮތީ ރާއްޖެއަށްވުރެ ކުރީގައި ކަމަށެވެ.

"އެއީ ދެކުނު ކޮރެއާގެ ޓީމެއް. އެއީ ޓެކްނިކަލީ ގޮތުން ވެސް އަޅުގަނޑުމެންނަށްވުރެ ވަރުގަދަ ޓީމެއް. އެކަމަކު އަޅުގަނޑުމެން މާދަމާގެ މެޗަށް ނުކުންނާނީ މެޗުން މޮޅުވުމުގެ އަޒުމުގައި. އެ މެޗަށް ނެރޭނީ މާދަމާގެ ރޭވުންތަކަށް އެންމެ ރަނގަޅު 11 ކުޅުންތެރިން،" އޭނާ ބުންޏެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި ޓީސީއާ ދެކޮޅަށް ނުކުންނަ ޕޮޗިއޮން އެފްސީ ---

މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައިވާ ނިޒާމްބެ ވަނީ ފައިނަލް މެޗުގައި ޓީސީއަށް ސަޕޯޓްކުރުމަށް ރާއްޖެއިން ބަނގްލަދޭޝްގެ ޗިޓަގިންގޮއަށް ދިޔަ ސަޕޯޓަރުންނާއި މިވަގުތު އެ ސިޓީގައި ތިބި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެ މުބާރާތުގައި ޓީސީން ވަނީ ބައިނަލްއަގުވާމީ މުބާރާތެއްގެ އެންމެ ދުރަށް ދަތުރުކުރި ދިވެހި ޓީމުގެ ޝަރަފު ވެސް ހޯދައިފައެވެ. އަދި އެ މުބާރާތަކީ ޓީސީން ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. ފައިނަލުގައި ޕޮޗިއޮންއާ ދެކޮޅަށް ޓީސީ ނުކުންނާނީ ރާއްޖެގަޑިން މާދަމާ ހަވީރު 5:30 ގައެވެ.