އޮންލައިން ނޫސް މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިޔަކާއި ރާއްޖެ ޓީވީއެއްގެ ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލާގައި ނޫސްވެރިންގެ ބެލެނިވެރި ފަރާތް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިޔަކަށް އިންޒާރު ދީފައިވަނީ ފ. އަތޮޅުގައި ސައުދި އަރަބިއްޔާއިން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅޭ ގޮތުން އެ އަތޮޅު ރައްޔިތުންގެ ހިޔާލު ހޯދުމަށް ފ. ނިލަންދޫގައި ހަރަކާތްތެރިވަނިކޮށް މިއަދުއެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށް އިންޒާރު ދީފައިވަނީ ވެސް ފ. އަތޮޅަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް އިންޑިޕެންޑެންޓް އާއި ރާއްޖެޓީވީގެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެ މައްސަލާގައި މީޑިއާ ކައުންސިލުން ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ފަދަ އިންޒާރުތަކަކީ ދިވެހި އިސްލާމީ މުޖުތަމައުއެއްގައި އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ފަދަ އަމަލުތަކެއް ނޫން ކަމަށާއި އެކަމަކީ މިނިވަން ނޫސްވެރި ކަމަށް ހުރި ހުރަސްތަކެއްކަމަށް ދެކޭ ކަމަށެވެ.