އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީ ރަޖިސްޓްރީކުރަން މާލޭގެ ހަތަރު ސަރަހައްދެއްގައި ފޯމު ފުރޭނެ އިންތިޒާމް ޕީޕީއެމުން ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގުބާލް އާދަމް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމް ފުރާ ސަރަހައްދުތަކަކީ އާޓިފިޝަލް ބީޗާއި މާލެގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލާއި ސްޓާ ސިނަމާ ފެންޑާ ސަރަހައްދުގެ އިތުރުން އެމްޕީލް ސަރަހައްދު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ސަރަހައްދުގައި ފޯމު ފުރުމުގެ ކަންތައް މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މާދަމާ ފޯމު ފުރައިދޭ ގަޑިތަކަކީ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00އަށް ކަމަށް އިގުބާލް ވިދާޅުވިއެވެ.

މާދަމާ އަށް ފަހު ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށާއި ރޭގަނޑު 8:00 އިން 10:00 އަށް ފޯމް ފުރުމުގެ ކަންތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީ ރަޖިސްޓޭޝަން ފޯމް ފުރާ މީހުން ޕީޕީއެމަށް ވައްދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް އިގުބާލް ވަނީ ދޮގުކުރައްވައިފައެވެ.

"ރީ ރަޖިސްޓޭޝަންގެ ފޯމު ފުރާއިރު ޕާޓީގެ މެމްބާޝިޕް ފޯމް ފުރުނުން ކުރިއަކަށްނުދާނެ،" އިގްބާލް ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރެއް ނޫނަސް އިންތިޚާބުގައި ވޯޓުލާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ހަތަރު ސަރަހައްދަށް ގޮސް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.

ކައުންސިލްތަކުގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ޕީޕީއެމަށް އިންތިޚާބަށް ތައްޔާރުނުވެވޭތީ ސިވިލް ކޯޓުން ވަނީ ދެ މަސް ދުވަހަށް އިންތިޚާބު ފަސްކުރަން އަމުރެއް ނެރެފައެވެ. އެއަށްފަހު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އިންތިޚާބު ބާއްވަން އެ ކޮމިޝަނުން އިއުލާންކުރިއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އިންތިޚާބު ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.