މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުގައިވާ ހުޅުމާލެ ޖެޓީ އާއި، އެ ކުންފުނީގެ ކެރޭނެއް ބޭނުން ކޮށްފައިވާތީ، އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި އެވެ.

އެމްޕީއެލްއިން ދައުވާކޮށްފައިވަނީ، އެކުންފުނީގެ ޚިދުމަތެއް ބޭނުންކޮށް އެ ފައިސާ ދެއްކުމަށް ބޯލްޑާސް އެންޑް ބުލްއިން ދީފައިވާ ފަސް ޗެކު، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނބުރާ ރައްދުކޮށްފައިވާތީ އެފައިސާ ހޯދުމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެފައިސާއަކީ ބޯލްޑާސް އެންޑް ބުލް ޕްރައިވެޓް ލިމިޓެޑުން އެމްޕީއެލްއަށް ދައްކަންޖެހި ނުދައްކައިވާ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެމްޕީއެލްއަށް ދައްކަންޖެހޭ 89،077 ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބޯލްޑާސް އެންޑް ބުލް ޕްރައިވެޓް ލިމިޓެޑަށް އެ ހުކުމްގައި ވަނީ އަންގާފަ އެވެ.