ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ކޯޗު ގޫސް ހިޑިންކް، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުން ފެނިދާނެކަމުގެ އިޝާރާތެއްކޮށްފިއެވެ.

އުމުރުން 70 އަހަރުގެ ކޯޗު ހިޑިންކް ހޯދުމަށް ލެސްޓާގެ އޮފިޝަލުން އޭނާގެ އޭޖެންޓުންނާ މަޝްވަރާކޮށްފައިވާ ކަމަށް ހަބަރުތައް ފެތުރެމުންދިޔަ ނަމަވެސް، ހިޑިންކް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ހިޑިންކްގެ އިތުރުން އެކްލަބުގެ ކުރީގެ ކޯޗު ނިގެލް ޕައާސަންއާއި، ނަންޓޭސްގެ ކޯޗު ސާޖިއޯ ކޮންސޭކައޯއާއި، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން އަދި ހަޑާސްފީލްޑް ޓައުންގެ ކޯޗު ޑޭވިޑް ވެގްނާއާ ވެސް ލެސްޓާއިން ވާހަކަދައްކަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ ހަފްތާ ނިމެނިކޮށް ލެސްޓާގެ ކޯޗުކަމުން ދުރުކުރި ކްލައުޑިއޯ ރަނިއޭރީގެ ބަދަލުގައި އެކްލަބަށް ގެންނާނެ ކަމަށް އެންމެ ގިނައިން ވާހަކަދެކެވެމުންދާ ހިޑިންކް އެންމެ ފަހުން މިދިޔަ ސީޒަނުގައި އަދާކޮށްފައިވަނީ ޗެލްސީގެ ވަގުތީ ކޯޗުގެ މަގާމެވެ. އޭގެ ކުރިން 2009 ވަނަ އަހަރު ވެސް އޭނާ ވަނީ ޗެލްސީގެ ވަގުތީ ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ.

ހިޑިންކް ވަނީ ނެދަލެންޑްސް ގައުމީ ޓީމާއި ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑް، ވެލެންސިއާ، ރެއާލް ބެޓިސް، ޕީއެސްވީ އެއިންދޮވެން، ރަޝިއާ ގައުމީ ޓީމު، ތުރުކީ ގައުމީ ޓީމު، ދެކުނު ކޮރެއާ ގައުމީ ޓީމު އަދި އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް އިރުޝާދުދީފައެވެ.

"އަހަރެންނަށް ލެސްޓާއިން ވާހަކަދައްކާފައެއް ނުވޭ. އަހަރެން ދެކެނީ ލެސްޓާ އެސިސްޓަންޓް ކޯޗު އެދަނީ ވަރަށް ރަނގަޅު މަސައްކަތްތެއް އަދާކުރަމުން ކަމަށް. އެކަން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ. އަހަރެން ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރަން. އަހަރެން ދިގު މުއްދަތަކަށް އެއްވެސް ކްލަބަކާ ނުގުޅެން. އެކަމަކު ޒުވާން ބަޔަކާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެ،" ހިޑިންކް ބުންޏެވެ.

ލެސްޓާގެ ކޯޗުކަމުގެ މަގާމުން ރަނިއޭރީ ދުރުކުރުމަށްފަހު އެކްލަބު ވަގުތީގޮތުން ހަވާލުކޮށްފައިވަނީ ރަނިއޭރީގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ކްރެއިގް ޝޭކްސްޕިއާއާ އެވެ. ޝޭކްސްޕިއާގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން 3-1 ލަނޑުން ވަނީ މޮޅުވެފައެވެ.