02 Mar 2017, 15:35
ނިއުދިއްލީ (މާޗް 2) : އިސްރާއީލާއި އިންޑިއާގެ ގުޅުންތައް ވަރަށް ބަދަހި ކަމަށާއި އެތައް ދާއިރާތަކެއްގައި ދެގައުމުން މަތީފެންވަރުގައި ވިލަރެސްކުރަމުން ގެންދާކަން އިންޑިއާ އިން ހާމަކޮށްފި އެވެ.
އިންޑިއާގެ ބޭރުގެ އިގްތިސާދީ ގުޅުންތަކާ ބެހޭ ވަޒީރު އަމީރު ސިންގް ވިދާޅުވީ އިސްރާއީލާއި އިންޑިއާގެ ގުޅުންތަކަކީ ވަރަށް ޚާއްސަ ގުޅުންތަކެއް ކަމަށާއި ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ފާއިތުވި 25 އަހަރު ތެރޭގައި ވަރަށްބޮޑަށް ކުރިއަށް ގޮސްފައިވާ ކަމުގަ އެވެ. ޚާއްސަކޮށް ހަތިޔާރުގެ ޓެކްނޮލޮޖީއާއި ޖާސޫސީ މައުލޫމާތުގެ ދާއިރާގައި ދެގައުމުގެ ގުޅުންތައް ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދެއްކެވީ އިންޑިއާ އާއި އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިޢާދަކުރިތާ 25 އަހަރު ފުރުމާ ގުޅިގެން ދެއްވި ބަޔާނެއްގަ އެވެ. މި މުނާސަތަބާގުޅިގެން، އިންޑިއާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނިއަލް ކާމޮން ވެސް ވަނީ ބަޔާނެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާއި ދަނޑުވެރިކަމާއި ހަކަތައާ އަދި ފެނުގެ ދާއިރާތަކަކީ ކުރިޔަށްއޮތް އަހަރުތަކުގައި އިންޑިއާއާއި އިސްރާއީލުގެ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ދާއިރާތައް ކަމުގަ އެވެ.
އިންޑިއާ އިން އިސްރާއީލާއެކު ބާއްވަމުންގެންދިޔަ ގުޅުންތައް ކަނޑާލީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކާއި ސޫރިޔާގެ ގޯލާންގެ ބިންތަކާއި މިސްރުގެ ސައިނާގެ ބިންތަކާއި އުރުދުންގެ ބައެއް ބިންތައް ގަދަބާރު ހިފައި ފަލަސްތީނުގެ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުން ދިޔުމާ ގުޅިގެން ފަލަސްތީނަށާއި އަރަބިންނަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުންނެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުގައި އިންޑިއާ އިން އިސްރާއީލާ ގުޅުންތައް ކަނޑާލުމަށް ފަހު އިންޑިއާ ސަރުކާރުން ގެންދިޔައީ އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވަރަށް ބޮޑަށް މަސައްކަތްކޮށް ފަލަސްތީނުގެ ހައްގުތަކަށް އިސްލާމީ ގައުމުތަކެކޭ އެއްގޮތަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް 1992 ގައި އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ނަރަސިންހަ ރާއޮ ގެ ބޮޑުވަޒީރު ކަމުގައި އިންޑިއާގެ ސިޔާސަތަށް ގެންނެވި ވަރަށް ބޮޑެތި ބަދަލުތަކެއްގެ ތެރެއިން އެއަހަރު އިންޑިއާ ވަނީ އަލުން އިސްރާއީލަށް އިޢްތިރާފްވެ އިސްރާއީލާއެކު ކަނޑާލި ގުޅުންތައް އަލުން ގާއިމްކޮށްފަ އެވެ.
އިންޑިއާގެ ސިޔާސަތަށް ރާއޮ ގެންނެވި ބަދަލުތަކާ އެކު އިންޑިއާގެ އިގްތިސާދު ވެސް ބޭރުގެ ދުނިޔެއަށް ހުޅުވާލި އެވެ. ނަވާރަސަތޭކަށް ނުވަދިހަ ދެވަނަ އަހަރު އިންޑިއާ އަލުން އިސްރާއީލާ ގުޅުންތައް ގާއިމް ކުރިނަމަވެސް އިންޑިއާއަކީ ފަލަސްތީނުގެ ހައްގުތަކަށް މިހާރު ވެސް އިޢްތިރާފްވާ ގައުމެކެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ހައްގުތަކަށް އަރައިގަނެ ފަލަސްތީނާ ދެކޮޅަށް އުދުވާން ހިންގާ މައްސަލައަށް އިންޑިޔާ މިހާރުވަނީ ލޯމަރާލާފަ އެވެ. އަދި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވާހަކަ ދެއްކުން ވެސް އިންޑިއާ އިން ވަނީ ހުއްޓާލައިފަ އެވެ.
ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ރުހުން އިންޑިއާއަށް ލިބިގެންދިޔަ އެވެ. މިއާ އެކު އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީންގެ ބޮޑެތި ކުންފުނިތަކުން ވަނީ އިންޑިއާގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރަން ފަށާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ އަދި އިސްލާމީ ދުނިޔެއާ އިދިކޮޅު ހަރަކާތްތައް ވެސް އިންޑިއާގައި ހިންގުމުގެ ފުރްސަތު ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކަށާއި އިސްރާއީލަށް ލިބިގެން ދިޔަ އެވެ.
އިންޑިއާއަކީ މިހާރު ވެސް ފަލަސްތީނުގެ ހައްގުތަކަށް އިއްތިރާފްވެ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާ ގައުމެކެވެ. ނަމަވެސް އިންޑިއާގެ ޚާރިޖީ ސިޔާސަތުގައި ކުރިން ފަލަސްތީނުގެ މައްސަލައަށް ކުރިން ދިން އަހަންމިއްޔަތާއި އިސްކަން މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. (ނޫސްއެޖެންސީތައް)