ޖީއެސްޓީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 622،799 ރުފިޔާ ދައްކަން ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ. މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނިން ޓެކްސް ދައްކާފައިނުވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 622،799 ރުފިޔާ އަރަމުންދާ ޖޫރިމަނާއާ އެކު ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ.

އެ ހުކުމްކޮށްފައި ވަނީ ޕީއެފްއެސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައެވެ.