އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވ. ފުލިދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލުގެ އަނގަތެރެއިން ހަންގަނޑު ހުރީ އިރައިގެންގޮސްފައި ކަމަށާއި، އެކަހަލަކަމެއް ވާނީ އަނިޔާ ކުރުމުން ކަމަށް އިބްތިހާލް ބެލި ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

އިބްތިހާލުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށެވެ. އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އައިޖީއެމްއެޗުން އިބްތިހާލު ބެލި ޑޮކްޓަރެއް ކަމަށްވާ ޑރ. އައްބާސާ ހަމީދު އާ ވަނީ ސުވާލުކޮށްފަ އެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޑރ. އައްބާސާ ހާމިދު ވިދާޅުވީ އިބްތިހާލަށް އެކި ދުވަސްމަތިން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަން އޭނާގެ ހަށިގަނޑުން އެނގެން ހުރިކަމަށެވެ.

އެގޮތުން އިބްތިހާލުގެ އަނގަތެރެއަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން ޑޮކްޓަރު ފާހަގަކުރި އެވެ. އަނގައިން ހަންގަނޑު އިރައިގެން ގޮސްފައި ހުރުމާއި ގިނަ އަދަދަކަށް ޒަޚަމްތަކެއް ލިބިފައިހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އިބްތިހާލުގެ ފުއްޕާމޭގެ ކަށިތައް ބިނދފައި ހުރުމާއި ކުރިމަތި ފަރާތް ދުޅަވެ ލޭއަރާފައި ހުރުމާއި ކަރުގައި ހިފާ ނޭވާ ހާސްކޮށްލަން އުޅެފައި ހުރި ކަމުގެ ނިޝާންތަކެއްވެސް އިބްތިހާލުގެ ހަށިގަނޑުން ފާހަގަކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އިބްތިހާލުގެ ގައިގައިވެސް މީހަކު ނިޔަފަތި އަޅާފައި ހުރިކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އިބްތިހާލު ހެދިބޮޑުވަން ޖެހޭ ވަރަށް ބޮޑު ނުވާކަން ފާހަގަކޮށް ޑރ. އައްބާސާ ވިދާޅުވީ އެ އުމުރުގެ ކުއްޖެއްގެ ހުންނަން ޖެހޭނީ 12 ނުވަތަ 12.5 ކިލޯ ކަމަށާއި، އިބްތިހާލު ގައިގައި ހުރީ ނުވަ ކިލޯ ކަމަށެވެ. އެގޮތަށް ބަރުދަން ލުއިވުމަށް ދިމާވާ ސަބަބެއްގެ ގޮތުން ޑޮކްޓަރު ފާހަގަކުރެއްވީ އަޅާލަން ޖެހޭ ވަރަށް އަޅާ ނުލުން ނުވަތަ ބޮޑު ބައްޔެއް ހުރުމެވެ.

އިބްތިހާލު މަރުވާން ދިމާވީ ކޮން ސަބަބެއްތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރުމުން ޑރ އައްބާސާ ވިދާޅުވީ އިބްތިހާލް މަރުވި ސަބަބު އެނގޭނީ ޕޯސްޓް މޯޓަމް ހެދިނަމަ ކަމަށެވެ.

"އެހެންނަމަވެސް ގައިގައި ހުރި ނިޝާންތަކާއި ސީޓީ ރިޕޯޓުތަކަށް ބަލާއިރު ބެލެވެނީ ކަރުގައި ހިފައި ހާސްކޮށްލައިގެން މަރާލީ ކަމަށް ނުވަތަ ބަނޑުތެރެއަށް ލޭ ޖަމާވެ، ގުނަވަންތަކަށް ލޭ ނުހިގައިގެން މަރުވީ ކަމަށް،" ޑރ. އައްބާސާ ވިދާޅުވި އެވެ.

ނޭވާ ހާސްކޮށްލިކަން އެނގެނީ ކަރުގައި ހިފާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރުމުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އަނިޔާއެއްގެ ސަބަބުން ނޫންގޮތަކަށް ހަށގަނޑުގެ ވަކި ގުނަވަނެއްތެރެއަށް ލޭ ޖަމާވާވުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޑޮކްޓަރާ ސުވާލު ކުރުމަށް އާފިޔާއަށްވެސް ފުރުސަތު ދިނެވެ. ނަމަވެސް އާފިޔާ ބުނީ އެއްވެސް ސުވާލެއް ކުރަން ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ އެމައްސަލައިގެ އިތުރުއަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

މީގެ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލިކަމަށް އެއްބަސްވެފަ އެވެ.

އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފަ އެވެ.