އޭދަފުއްޓަކީ އެ އަތޮޅުގެ އެހެން ހުރިހާ ރަށްތަކުގެ ރައްޔިތުންނަށާއި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި ޒަމާނުއްސުރެ ރިވެތި ނަމޫނާ އާއި އަޚްލާޤް ދަމަހައްޓާ ރައްޔިތެއް ކަމަށާއި އެހެންކަމާ އެކު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އޭދަފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން ފާހަގަކުރައްވައި، އޭދަފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، އިންޓެގްރޭޓެޑް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އޭދަފުށީގައި ޤާއިމް ކޮށްފައިވާ "ރެޒިޑެންޝަލް ލަރނިން ސެންޓަރު" ހުޅުއްވައިދެއްވުމަށް އޭދަފުށީގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަޢުލީމް އުނގެނުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިން ސަތޭކައެއްހާ ކުދިން، އޭދަފުށީގައި އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި އެ ކުދިންނަށް ތަޢުލީމު ދެއްވުމަށް އޭދަފުށީ ރައްޔިތުންނާއި އޭދަފުށީ މަދުރަސާތަކުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަކީ، އެކަންކަމަށްޓަކައި މުޅި އެ އަތޮޅާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ޝުކުރުވެރިވާނޭ މަސައްކަތްތަކެއް ކަމުގައި ވިދާޅުވި އެވެ.

އޭދަފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުންގެންދަވާ ޕްރޮގްރާމްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި އެވެ. މިގޮތުން، އެ ރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ޤާއިމްކުރެވިފައިވާކަމާއި ބޯފެނުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ޓަކައި މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އޭދަފުއްޓަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށަކަށްވާތީ އޭދަފުށީގެ ބިން ބޮޑުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެ، އެކަމަށް ބޭނުންވާ ބަޖެޓު ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތުގެ ދަށުން، އޭދަފުށީގެ އިތުރުން، 14 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.