ކ. ތިލަފުށި ބޯޓު ޔާޑު ސަރަހައްދުގެ ބިމެއް ހުސްކުރަން ތިލަފުށީ ކޯޕަރޭޝަނުން އަންގައިފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށީގެ ޓީއައިޒެޑް ޒޯނުގެ ބޯޑު ޔާޑު ސަރަހައްދުގެ ބިން ނަންބަރު S8-TP06ގައި އެއްވެސް ފަރާތެއްގެ ތަކެތި ބަހައްޓާފައިވާ ނަމަ މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެތަކެތި ނެގުމަށް އަންގާ ކަމަށެވެ.

އަދި އެ ތާރީޚަށް ފަހު އެސަރަހައްދުގައިވާ ތަކެތި ނުނަގައިފި ނަމަ، އެތަކެތި އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް، ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކޯޕަރޭޝަނުން ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި އާދަޔާ ޚިލާފަށް އެކި ފަރާތްތަކުން ބިން ބޭނުންކުރުމާއި ހުއްދަދެތި މަސައްކަތް ކުރަމުން ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ ކޯޕަރޭޝަނުން ބޭނުން ވަނީ އެފަދަ ކަންކަން ރަނގަޅުކޮށް ހަމަ ހަމަ އުސޫލުތަކެއްގެ މަތިން ވިޔަފާރިވެރިންނަށް ފާގަތި މާހައުލެއް ގާއިމް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ބިން ހުސްކުރަން އެންގީ އެ މަގްސަދުގައި، ބައެއް ފަރާތްތަކުން ތިލަފުށީ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ކުރަމުން ނުގެންދާތީ އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.