މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމްގެ ހަނދާނުގައި ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކުރީ އެސް ޖީ ކޮންސްޓްރަކްޝަނާ އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އެސްޖީ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދު އެވެ.

އެއްހާސް މީހުންގެ ޖާގައަށް ހަދާ އެ މިސްކިތަށް 25 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މިސްކިތުގައި ނަމާދު ކުުރާ ހޯލެއްގެ އިތުރުން ކްލާސްރޫމުތަކާއި ލައިބްރަރީއެއް ވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ މިސްކިތް 510 ދުވަހުން ނިންމަން ވަނީ އަންގައިފަ އެވެ.

ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އުނގޫފާރުގައި ގާއިމްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެސް ޖީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ ބިޑު ނުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި އެއީ "ޑައިރެކްޓް ނެގޯޝިއޭޝަންސްއެއް"ގެ ދަށުން ހަވާލު ކުރި ކުރުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އާންމުކޮށް ޑައިރެކްޓް ނެގޯޝިއޭޝަންސްއަށް ދަނީ ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ޕްރޮޖެކްޓްތަކުގައި ކަމަށެވެ. އެފަދަ ޕްރޮޖެކްޓްތަކުގައި ބަލަނީ ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ ކުންފުނިތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންނެވެ.

މިއީ މާލެއިން އުތުރުގައި އަޅާ ފުރަތަމަ އިސްލާމީ މަރުކަޒެވެ.