ކްލަބުތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުމަށް އެހީތެރިވުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްއޭއެމްއިން ގެންގުޅޭ ޕްލޭންގެ ދަށުން މާލޭ ލީގުގައި ވާދަކުރާ އަށް ކްލަބަށް އެހީ ވާނެ ކުންފުނިތައް މިއަދު ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު ގައުމީ ދަނޑުގެ ވީއައިޕީ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ކުލަބުތަކަށް ލިބޭ ކުންފުނި ކަނޑައަޅާފައިވަނީ ގުރުއަތުލައިގެންނެވެ.

މާލޭ ލީގުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ކުންފުނިތައް މެދުވެރިކޮށް ދެ މިލިއަން ރުފިޔާ ދިނުމަށް ވަނީހަމަޖެހިފައިވެ އެވެ. އަދި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތެރޭގެ ހަތަރު ޓީމަށް ކުންފިނުތައް މެދުވެރިކޮށް 1.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ގުރުއަތުން ދިމާވި ކްލަބާއި ކުންފުނިތައް

  • ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް - އެލައިޑް އިންޝުއަރެންސް
  • މާޒިޔާ ސްޕޯޓް އެންޑް ރެކްރިއޭޝަން - މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑިސީ)
  • ކުލަބް އީގަލްސް - މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)
  • ވިކްޓަރީ ސްޕޯޓްސް ކުލަބް - މޯލްޑިވްސް ގޭސް
  • ޓީސީ ސްޕޯޓްސް ކުލަބް - މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • ގްރީން ސްޓްރީޓް - މޯލްޑިވިއަން
  • ކްލަބް ވެލެންސިއާ - ފިއުލް ސަޕްލައި މޯލްޑިވްސް
  • ޔުނައިޓެޑް ވިކްޓަރީ - ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

ރައީސް އަބްދުﷲ ޔަމީންގެ އިސްނެންގެވުމެއްގެ މަތިން ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު މި ފައިސާ ހަރަދު ކުރަންޖެހެނީ ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިންނެވެ. އެގޮތުން ކްލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ކޮންމެ ކުލަބެއްގައި އަންހެން ޓީމެއް އޮތުންވެސް ލާޒިމް ކުރެއެވެ.