ކ. ތުބަނފަޅު ހިއްކައި ތަރައްގީ ކުރުމުގެ ތެރޭގައި އެފަޅުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ފާހަގަކުރެވިގެން އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތް ކަމަށްވާ މ. ޗަމްޕާ ހެވަން މުހައްމަދު މޫސާ[އުއްޗު] 100 މިލިޔަން ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލަ ބަލައިދިނުން އެދި ލޭބާ ޕާޓީން އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އަށް އިއްޔެ ހުށައަޅައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ އަށް އެޑްރެސްކޮށް ލޭބާ ޕާޓީން އިއްޔެ ފޮނުވި ސިޓީގައި އެދިފައި ވަނީ ކ. ތުނބަފަޅު ކުއްޔަށް ހިފާފައިވާ ފަރާތް ޖޫރިމަނާ ކުރި މަސައްލަ އެކޮމިޝަނުން ތަހުގީގުކޮށްދެއްވައި އެކަމުގައި ބައިވެރިވި ސަރުކާރުގެ އޮފިޝަލުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ، ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ކ. ތުނބަފުށީގައި ކޮށްފައިވާ ކަމަށް ބުނެ ، އެ ރަށް ކުއްޔަށް ހިއްޕަވާފައިވާ މ. ޗަންޕާ ހެވަން މުހައްމަދު މޫސާ 100 މިލިޔަން ރުފިޔާ އިން ޖޫރިމަނާކުރުމަށް 1 ޖޫން 2011ގައި ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. އަދި އެއީ ސަރުކާރު ހިންގަވަން އިސްވެ ތިއްބެވި ބޭފުޅުންގެ ޒާތީ ހަސަދަވެރިކަން އަމާޒުވެފައިވާ އެކިއެކި ފަރާތްތަކުގެ ކިބައިން ބަދަލު ހިފައި އެފަދަ ފަރާތްތަކުގެ އަގު ވައްޓާލުމަށް ހިންގާފައިވާ އަމަލެއް ކަމުގައި އެ ޕާޓީން ފާހަގަ ކުރާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ތުނބަފަޅު ކުއްޔަށް ހިފާފައިވާ މުހައްމަދު މޫސާ 100 މިލިޔަން ރުފިޔާ އިން ޖޫރިމަނާ ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށް ވިދާޅުވެ، ތިމާވެށި ހިމާޔަތް ކުރުމާ ބެހޭ ގައުމީ އިދާރާގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނެވި މުހައްމަދު ޒުހައިރު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ، އެކަމުގައި ސަރުކާރުގެ ނިޔަތަކީ އާއްމު ރައްޔިތެއްގެ ކިބައިން ބަދަލު ހިފުންކަން ސާބިތުވާ ހެކިތައް ކަމަށް ވެސް ލޭބާ ޕާޓީގެ ސިޓީގައި ބުނެފައިވެ އެވެ.