ކުއަލަލަމްޕޫރު (މާޗް 2): ސަލާމަތީ ސަބަބުތަކާ ހެދި އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލައި މެލޭޝިއާއަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

މެލޭޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަހުމަދު ޒާހިދު ހަމީދީ ވިދާޅުވި ގޮތުގައި އެގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެންނެވެ.

މެލޭޝިއާ އިން އެފަދައިން ނިންމާފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި މައްސަލާގައި އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދުމަށް އެގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މެލޭޝިއާ އިން ބުނާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ނާރުގެ ނިޒާމަށް ހަމަލާދޭ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް އޭނާގެ މޫނުގައި ހާކައިގެންނެވެ. އެމައްސަލާގައި މެލޭޝިއާ އިން އިއްޔެ ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ވިއެޓްނާމުގެ އަންހެނަކާއި އިންޑޮނޭޝިއާގެ އަންހެނެއްގެ މައްޗަށްކޮށްފަ އެވެ.

ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލައިގައި މެލޭޝިއާ އިން ދައުވާ ކުރި އިންޑޮނޭޝިއާގެ އަންހެން މީހާ (ކ) އާއި ވިއެޓްނާމްގެ އަންހެން މީހާ (ވ) -- ފޮޓޯ: ރޮއިޓާސް

ވިއެޓްނާމްގެ ދޮއާން ތީ ހުއޮންގް އާއި އިންޑޮނޭޝިއާގެ ސިތީ އައިޝާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ވީއެކްސް ނާވް އޭޖެންޓް ކިމް ޖޮންގް ނަމްގެ މޫނުގައި ހޭކުން ހިމެނެ އެވެ. އެ ދެ މީހުން އިއްޔެ މެލޭޝިއާގެ ކޯޓަށް ހާޒިރުކޮށްފައިވާ އިރު، ދެ މީހުން ވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކިމް ޖޮންގް ނަމްގެ ހަށިކޮޅު އުތުރު ކޮރެއާއާ ހަވާލު ކުރަން އެގައުމުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް މެލޭޝިއާ އިން ވަނީ އޭނާގެ އާއިލާގެ މެމްބަރެއްގެ ޑީއެންއޭ ސާމްޕަލެއް ލިބުމުން ނޫނީ ކިމްގެ ހަށިކޮޅު ހަވާލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

މެލޭޝިއާ އާއި އުތުރު ކޮރެއާއިން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރީ 1970އިގެ އަހަރުތަކުގަ އެވެ. އަދި ދެގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް 2003 ވަނަ އަހަރު އުތުރު ކޮރެއާއިން ވަނީ ކުއަލަލަމްޕޫރުގައި އެގައުމުގެ އެމްބަސީއެއް ގާއިމުކޮށްފަ އެވެ.

ނަމަވެސް ކިމްގެ މަރާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެ، މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގައި ހުންނަވާ އެ ގައުމުގެ އެމްބެސެޑަރު އަނބުރާ ގެންގޮސްފަ އެވެ. (ބީބީސީ)