ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ތުރުކީއާއި އީރާނުގެ ރައީސުން އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި އީރާނުގެ ރައީސް ހަސަން ރޫހާނީ ބައްދަލުކުރެއްވީ އިސްލާމް އާބާދުގައި ކުރިޔަށްދާ އޮގަނައިޒޭޝަން އޮފް ދި އިކޮނޮމިކް ކޯޕަރޭޝަން (އީކޯ)ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގެ އަރިމަތީގަ އެވެ.

އީރާނާއި ތުރުކީއާއި ޕާކިސްތާނާއި މެދުތެރޭ އޭޝިޔާގެ އިސްލާމީ ގައުމުތަކަކީ މި ޖަމާއަތުގެ މެންބަރު ގައުމުތަކެވެ. އުރުދުޣާން އާއި ރޫހާނީގެ މަޝްވަރާތައް ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުންނާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ބެހޭ ގޮތުން ކަމަށް އެދެގައުމުގެ މީޑިއާ ބުނެ އެވެ.

ރޫހާނީ އާއި އުރުދުޣާން ބައްދަލުކުރެއްވީ ދާދިފަހުން ރައީސް އުރުދުޣާން އާއި އޭނާގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ އީރާނާ ދެކޮޅަށް ދެއްވި ބަޔާންތަކަކާ ގުޅިގެން ހިތްހަމަ ނުޖެހޭކަން އީރާނުން ހާމަކޮށްފައިވަނިކޮށެވެ.

އީރާނާއި ތުރުކީ އަކީ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުންތަކެއް އޮންނަ އަވަށްޓެރި އިސްލާމީ ދެގައުމެވެ. ސޫރިޔާގެ މައްސަލާގައި މިދެގައުމުގެ ޚިޔާލުތަކާއި ސިޔާސަތުތައް ތަފާތުވީ ނަމަވެސް ދެގައުމުގެ އިގްތިސާދީ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ވަރަށް ބަދަހި އެވެ. ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުންތަކަށް ކުދިކުދި މައްސަލަތައް ކުރިމަތިވަމުން ދެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަކީ އެނބުރޭ ވަހުތާނެއް ފަދަ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އުރުދުޣާން ދާދިފަހުން ވަނީ ރަޝިޔާއާ ވެސް ކުއްލި ގޮތަކަށް ގުޅުންތައް ކަނޑާލައްވާފައި ރަޝިޔާއަކީ ދުޝްމަނެއްކަމަށް ބެއްލެވުމަށް ފަހު އަނެއްކާ ރަޝިޔާއާ ބަދަހި ގުޅުންތަކެއް އުފައްދަވައި ރަޝިޔާއަކީ ތުރުކީގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށް ހައްދަވާފަ އެވެ.

އުރުދުޣާން ވަނީ އިސްރާއީލާމެދު ވެސް މިމޭރުމުން އަމަލުކުރައްވައިފަ އެވެ. ތުރުކީގެ ބޯޓަކަށް އިސްރާއީލުން ހަމަލާ ދީ ބަޔަކު މަރާލި މައްސަލާގައި އުރުދުޣާން ވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލައްވައި ގުޅުންތައް އަލުން ގާއިމްކުރުމަށް ޝަރުތުތަކެއް ކުރިމަތި ކުރައްވާފަ އެވެ. ނަމަވެސް އިސްރާއީލުން މިޝަރުތުތައް ފުރިހަމަ ނުކުރަނީސް އުރުދުޣާން އަނެއްކާ ވަނީ އިސްރާއީލާ އެކު ކުރިން އޮތް ގުޅުންތައް އަލުން އިޢާދަކުރައްވައިފަ އެވެ.

ތުރުކީއާއި ގަލްފުގެ އަރަބި ގައުމުތަކަކީ ސޫރިޔާގެ މައްސަލާގައި ދާދި އެއް ސިޔާސަތުތަކެއް ގެންގުޅޭ ގައުމުތަކެކެވެ. އެއީ ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލަން މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކަށް އެހީތެރިވުމެވެ. ނަމަވެސް މިސިޔާސަތު އެއްކިބާކޮށްލެއްވުމަށް ފަހު އުރުދުޣާން ދާދިފަހުން ވަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާ ރަޝިޔާއާއި އީރާނާ ގުޅިގެން ސޫރިޔާގައި ހަރަކާތްތެރިވާންފަށާފަ އެވެ.

މިމައްސަލާގައި ގަލްފުގެ އަރަބި ގައުމުތަކުގެ ރުޅިވެރިކަން ތުރުކީއަށް އަމާޒުވުމުން މިދިޔަ ހަފްތާގައި އުރުދުޣާން ވަނީ ކުއްލި ގޮތަކަށް ސައޫދީ އާއި ބަހްރައިން އާއި ގަތަރަށް ދަތުރުފުޅެއް ކުރައްވައި އެގައުމުތަކުގެ ތާއީދު އަލުން ހޯއްދެވުމަށް ޓަކައި އީރާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފަ އެވެ. އުރުދުޣާން އީރާނަށް ބަހުގެ ހަމަލާތަކެއް ދެއްވުމާ އެކު އޭނާގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވެސްވަނީ އީރާނަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

މިމައްސަލާގައި އީރާނުން ތުރުކީއަށް ނުރުހުން ފާޅުކޮށް އުދުޣާނާ ދެކޮޅަށް ތުރުކީ ސިފައިން އިންގިލާބު ގެންނަން މަސައްކަތްކުރި ރޭގައި އުރުދުޣާންގެ ސަރުކާރުގެ ޙިމާޔަތް ކޮށްދިނުމަށް އީރާނުން ކުރިމަސައްކަތްތައް ހަނދާންކޮށް ދިނުމުން ތުރުކީގެ ޚާރިޖީ ވަޒީރު އަނެއްކާވަނީ އީރާނަށް ތައުރީފް ކުރައްވައި އީރާނަކީ އިޚްލާސްތެރި ރަހްމަތްތެރި އެއްކަމަށް ސިފަކުރައްވާފަ އެވެ.

އުރުދުޣާންގެ ސިޔާސަތު ތަކަކީ މިފަދަ އެނބުރޭ ސިޔާސަތުތަކެއް ކަމަށްވާއިރު އިސްލާމް އާބާދުގައި އުރުދުޣާން އީރާނުގެ ރައީސް ރޫޙާނީ އާ ބައްދަލުކުރެއްވީ އަނެއްކާ ވެސް އީރާނުގެ ރުއްސުމުގެ ގޮތުން ކަމަށްވަނީ ބެލެވިފަ އެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އުރުދުޣާން ގަލްފުގެ އަރަބި ގައުމުތަކަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި އީރާނަށް ބަހުގެ ހަމަލާތައް ދެއްވީ ތުރުކީގެ މުދާ ސައޫދީ އާއި ގަތަރު ފަދަ ގަލްފުގެ މުއްސަނދި ގައުމުތަކަށް މިހާރަށް ވުރެ އިތުރަށް އިންޕޯޓް ކުރުމަށް ބޭނުންވާ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ޓަކައި އެގައުމުތަކުގެ ރުހުން ހޯދުމުގެ ބޭނުމުގަ އެވެ. މިހާރު މިއެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާތީ އަލުން އީރާން ރުއްސުމަށް އުރުދުޣާން މަސައްކަތް ކުރައްވަނީ ކަމަށް މިރިޕޯޓްތައް ބުނެ އެވެ.

ތުރުކީން އައިއެސް ޖަމާއަތާމެދު ވެސް ގެންގުޅެނީ މިފަދަ އެނބުރޭ ސިޔާސަތެކެވެ. ސިޔާސީ މަގްސަދް ތަކެއް ޙާސިލް ކުރުމަށް ޓަކައި ކުރިން އައިއެސް އަށް ދޫދިނުމުގެ ސިސާތުތަކެއް ގެންގުޅުމަށް ފަހު މިހާރަކަށް އައިސް ވަނީ އެޖަމާއަތާ ސީދާ ގޮތެއްގައި ހަނގުރާމަ ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފަ އެވެ. މީގެ އިތުރުން އެމެރިކާއާއި ޔޫރަޕާއެކު ވެސް މިފަހަކަށް އައިސް ތުރުކީ ގެންގުޅެމުން ދަނީ މިފަދަ އެނބުރޭ ސިޔާސަތުތަކެކެވެ.

(ނޫސްއެޖެންސީތައް)