02 Mar 2017, 09:35
މޮސްކޯ (މާޗް 2): އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި މައްސަލަ ތަހުގީގު ކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އިންޓެލިޖެންސް ކޮމިޓީން އެއްބަސްވެއްޖެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަން ޑިމޮކްރެޓިކް ޕާޓީން ގޮވާލަމުން ދިޔަ ނަމަވެސް މީގެ ކުރިން ރިޕަބްލިކަން ޕާޓީން ވަނީ އެކަމަށް އިޖާބަ ނުދީފަ އެވެ.
ނަމަވެސް މައްސަލަ ތަހުގީގު ކުރަން ހައުސް އިންޓެލިޖެންސް ކޮމިޓީގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޗެއާމަން އެއްބަސްވުމާ ގުޅިގެން އެކޮމިޓީން ބަލާނެ ކަންތައްތަކުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިއާއާ އޮތް ގުޅުންތައް ހިމެނޭ ކަމަށް މަޖިލިސް މެމްބަރުން ވިދާޅުވެ އެވެ.
ރައީސް ޓްރަމްޕްގެ މުޝީރުންނާއި ރަޝިއާއާ އޮތް ގުޅުންތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ވައިޓް ހައުސް އިން ވަނީ އެފަދަ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އިތުރުން ސެނެޓާއި އެފްބީއައިއިން ވެސް ދަނީ ރަޝިއާ އިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަމުންނެވެ.
މީގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އިންތިހާބުވުމުގެ ފުރުސަތު ބޮޑުކުރުމަށް ޓަކައި ރަޝިއާ އިން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައިފަ އެވެ.
ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)