ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ރަންގީލާ' ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމަށް ދެކެވެމުން އަންނަ ވާހަކަތައް، އެ ފިލްމުގެ ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ދޮގުކޮށްފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު 'ސަރްކާރް 3'ގެ ޓްރެއިލަރ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރާމް ގޯޕާލް ވަރްމާ ބުނީ، 'ރަންގީލާ 2' އެއް ނުފެންނާނެ ކަމަށެވެ.

އަދި 'ރަންގީލާ 2' އުފައްދަން ވިސްނަމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އުރްމިލާ މަޓޯންޑްކަރް، ޖެކީ ޝްރޯފް އަދި އާމިރު ޚާން މުހިންމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުމުގެ އިތުރުން، އެ ފިލްމު ވެގެން ދިޔައީ ކްރިޓިކްސް އިން ވެސް ބަލައިގެން ފިލްމަކަށެވެ.

'ރަންގީލާ' އާއެކު އުރްމިލާއަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔަ އިރު، އެއީ އާމިރު ޚާންގެ ކެރިއަރަށް ވެސް ރަނގަޅު ބަދަލެއް ގެނެސް ދިން ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ޚިޔާލު ނެތް ނަމަވެސް، 'ސަރްކާރް' އަކީ ފިލްމު ސީރީޒް އެކެވެ. އަންނަ އޭޕްރީލް މަހު ރިލީޒް ކުރާ 'ސަރްކާރް 3' ގެ ލީޑު ރޯލުން ފެނިގެން ދާނީ އާމީތާބު ބައްޗަން އެވެ. އެ ފިލްމުގައި އަމީތާބުގެ އިތުރުން ދެން މުހިންމު ރޯލު ތަކުން ފެނިގެން ދާނީ މަނޯޖް ބާޗްޕާއީ، ޖެކީ ޝްރޯފް، ރޮނިތު ރޯއި، އަމިތު ސަދް އަދި ޔަމީ ގޯތަމް އެވެ.

ޔަމީ ގޯތަމް އަދާކުރާނީ އަންނޫ ކަރްކަރޭގެ ރޯލެވެ. އެ ފިލްމުގައި ފެނިގެން ދާނީ ސަރުކާރުގެ ފަރާތުން އަންނޫގެ ބައްޕަ، ގޯވިންދު ދެޝްޕާންޑޭ (މަނޯޖް ބާޗްޕާއީ)ގެ މަރުގެ ބަދަލު ހިފުމަށް އޭނާ ކުރާ މަސައްކަތްތަކެވެ.