އައިމިނަތު ރިޝްފާ (ރިޝްފާ) އަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ރީތި އެއް ބަތަލާއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ރަމީޒް ކިޔާފައިވާ ލަވަ "ދޭށެ މިބުނާ ލޯބި" އިން ފިލްމީ ދާއިރާގެ ދޮރު ހުޅުވާލި ރިޝްފާގެ ލޫޅާފަތި ކަމާ ރީތިކަމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އަދި ދިވެހި ފިލްމީ އިންޑަސްޓްރީގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ރިޝްފާގެ މިއަދު ދަނީ އޭނާގެ ހުނަރާއި ރީތިކަން ދައްކާ ބެލުންތެރިންގެ ހިތްތައް އަތުލަމުންނެވެ.

ދިވެހި ފިލްމު "ދިލަކަނި" އިން ފުރަތަމަ ފެނިގެންދިޔަ ރިޝްފާގެ ގިނަ ފިލްމުތަކެއް މިއަހަރުގެ ތެރޭގައި ފެންނާނެ ކަމަށް އުއްމީދު ކުރެވޭއިރު، ފިލްމު ހައްދަކީ މިއަހަރުގެ ތެރޭގައި އޭނާ ފެނިގެންދާނެ އެންމެ ބޮޑު އެއް ފިލްމެވެ.

ކުޅަދާނަ ޕްރޮޑިއުސަރު އަބްދުލް ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރާ، "ހައްދު" ކުޅެން ރިޝްފާއަށް ލިބިފައިވާއިރު ފިލްމަށް އޭނާ ވަމުންދާ ގުރުބާނީވެސް ހަމަ އެހާ ބޮޑެވެ. ފިލްމުގައި ކުޅެން ޖެހިފައިވާ ރޯލުން ލޫޅާފަތިކޮށް ހަށިގަނޑު ހުންނަ ރިޝްފާއަށް ޖެހިފައިވަނީ މިވަނީ ބަރުދަން އިތުރުކުރާށެވެ.

"ރިޝްފާ އަށް ޖެހުނީ ފަލަވާން. ދެން ހަމަ ގިނައިން ކަނީ. ވަކި ލިމިޓެއް ނެތް. ބުނެވިދާނެ ހަމަ ހައްދެއް ނެތި ފަލަވަނީއޭ. ބެންކޮކުގަ ވިހި ވަރަކަށް ދުވަހު އުޅެފަ މި އައީ ވެސް. ދަންވަރު ގަޑީގަ ކަމަކަށް އޮންނަނީ ހަމަ ކެއުން. އެއްޗެއް ކެއަސް ހަމަ ޗީޒް ގިނައިން އަޅައިގެން. ތެޔޮ ހުންނަ ޖަންކު ފުޑް އެއްޗިސް ކައި އުޅެނީ. މިހާރު ވަރަށް ފަލަވެއްޖެ ހަމަ،" ރިޝްފާ ބުންޏެވެ.

ފަލަވާން މަސައްކަތްފެށިއިރު ބަރުދަނުގައި 47 ކިލޯ ހުރިނަމަވެސް، މިހާރު ރިޝްފާ ވަނީ 51 ކިލޯއަށް ބަރުވެފައެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

މިދިޔަ އަހަރު ނެރުނު "ނޭނގިޔާރު ވަކީވީ" އާއި "އަހުޝަމް" ފަދަ ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންދިޔަ ރިޝްފާ ބުނީ ފަލަވާން މާބޮޑު އުނދަގޫ ތަކެއް ނުވާ ކަމަށެވެ. ނަމަވެސް ފަލަވުމުގެ ސަބަބުން ދަތި ތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގެއިން ބޭރަށް ދިޔުންވެސް ރިޝްފާ ވަނީ މަދުކޮށްފައެވެ.

"މިހާރު ކުރިން ލައި އުޅުނު ބައެއް ހެދުންތައް ވެސް ނުލެވޭ. ފަލަކަމުން މިހާރު ބޭރަށް ނުކުންނަންވެސް ލަދުގަނޭ. އަނެއްހެން ބުނާނަމަ މިހާރު އުޅެނީ ހަމަ ފިލައިގެން. މިހާރު އެންމެ ބޮޑު ޗެލެންޖަކީ ހިކުން،" ހިނިގަނޑަކަށްފަހު އޭނާ ބުންޏެވެ.

މި މަހުގެ މެދު ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ "ހައްދު" ގައި ރިޝްފާގެ ތަންކޮޅެއް ލޫޅާފަތި މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ނަމަވެސް ރިޝްފާ ބުނިގޮތުގައި، ފިލްމަށް ފަލަވާން ޖެހުމަކީ އޭނާ އަކަށް މައްސަލައެއް ނޫނެވެ. ސަބަބަކީ އޭނާ ފަލަވާން ޖެހުނު ފިލްމުގެ ކެމެރާ ފަހަތުގައި ތިބީ ތަޖުރިބާކާރު ދެ ޕްރޮޑިއުސަރުން ކަމަށް ވާތީއެވެ.

"ނިއުމާ އަކީ ކަންތައްތަކުގައި ވަރަށް އެޑްވައިޒްދޭ ވަރަށް ހެލްޕު ފުލް މީހެއް. އަނެއްކޮޅުން ރިޝްފާ ގަބޫލުކުރަނީ ފައްތާހު އަކީ އެކްޓަރުން ގެންގުޅެން ދަންނަ އެކަކު ކަމަށް. އެހެންވެ ފިލްމުގެ ސްކްރިޕްޓުވެސް ނުކިޔާ ފިލްމަށް އާއެކޭ ބުނީ. އެހެންވީމަ ވަރަށް ޔަގީންކަން އެބަ އޮތް ބެލުންތެރިން މީތި ބަލައިގަންނާނެ ކަމަށް،" ރިޝްފާ ބުންޏެވެ.

ރިޝްފާފާ "ދޭތީ އަނިޔާ" ގެ ޝޫޓިންގައި ހާމިދާއި އާނަންދާ އެކު ---

ބޮޑު ބަޖެޓަކާއެކު ހަދާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭ އަކަށް އޯކޭޒްއިންކް ޕްރޮޑަކްޝަނުން އުފައްދާ ފިލްމު "ހައްދު"ގެ ލީޑް ރޯލުން ރިޝްފާގެ އިތުރުން މިހާރު އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރި، މަރިޔަމް އައްޒަ އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ ޝިބާން އަހުމަދު ފެނިގެންދާނެއެވެ.

މާލޭގެ އިތުރުން ހއ. އުތީމު އަދި ކެލާގެ އިތުރުން ރ. ވާދޫގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ އެ ފިލްމުގައި އަމިއްލަ ރާގުގެ ފަސް ލަވައެއް ހިމެނޭއިރު، ލަވަތަކުގެ މިއުޒިކް ހަދާފައިވާ ތިއްތި އާއި ގިނަ ލަވަތަކެއްގެ މިއުޒިކް ހަދާފައިވާ އިންތި އަދި ފަތޯ އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "ވޮއިސްއޮފް މޯލްޑިވެސް"އިން އާއްމުންގެ މަގްބޫލުކަން ހޯދި އަހުމަދު ޔާފިއުގެ އަޑުންކިޔަން ހަމަޖެހިފައިވާއިރު، ދެން ހުރި ހުރިހާ ލަވައެއް ކިޔާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.

"ހައްދު" ގެ ހުރިހާ މަަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.