02 Mar 2017, 09:01
ދެ ލޯބިވެރިން ކަމަށްވާ އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު އޯލަންޑޯ ބުލޫމް އާއި އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ވަކިވެއްޖެއެވެ.
ތޭރަ މަސް ދުވަހު އެކުގައި އުޅުމަށްފަހު ދެ މީހުން ވަކިވިކަން އިއުލާންކުރީ އެކުގައި ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ދެމީހުންގެ ގުޅުމާމެދު ގޯސް ވާހަކަތަކެއް ފެތުރުމުގެ ކުރިން، ދެ މީހުން މިވަގުތަށް ވަކިވާން އިހުތިރާމާއެކު ނިންމާފައިވާ ކަމަށެވެ.
ކޭޓީ އާއި އޯލަންޑްގެ ވަކިވުން ގިނަ ބަޔަކަށްވީ ހައިރާން ކުރުވަނިވި ހަބަރަކަށެވެ. އެއީ މިދިޔަ ހުކުރު ދުވަހު ބޭއްވި ވެނިޓީ ފެއާ އޮސްކާސް ޕާޓީގައި އެ ދެމީހުން އެކުގައި ފެނުމުންނެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޕާޓީގެ ތެރޭގައި ދެ މީހުން ވަކިވެ، ތިބީ އަމިއްލަ ރަހްމަތްތެރިންނާއެކުގައެވެ.
ކޭޓީ އާއި އޯލަންޑް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ދެ މީހުން ރައްޓެހިވުމުގެ ކުރިން ކޭޓީ އުޅުނީ ރޮކާ ޖޯން މޭޔާއާއެކުއެވެ.
އަދި ޕައިރެޓްސް އޮފް ދި ކެރީބިއަންގެ އެކްޓަރު އޯލަންޑް ވަނީ އޭނާގެ ކުރީގެ އަންހެނުން އޮސްޓްރޭލިއާގެ މަޝްހޫރު މޮޑެލް މިރަންޑާ އެކު ތިން އަހަރު އުޅުމަށްފަހު 2013 ވަނަ އަހަރު ވަރިވެފައެވެ. އެ ދެމީހުންގެ ހަ އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.