30 Jun 2011, 09:46
ފުވައްމުލަކުގައި ބިދޭސީއަކު މަރުވެ، ވަޅުގަނޑެއްގެ ތެރެ އަށް އެއްލާލާފައި އޮތް މައްސަލައާ ގުޅިގެން ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
ނަމަވެސް ހައްޔަރު ކުރީ ކޮން ގައުމެއްގެ ދެ ބިދޭސީންނެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ދެއަތް ބަނދެ، އަނިޔާކޮށް، ވަޅުގަނޑެއްގެ ތެރެއަށް އެއްލާލައިފަ އޮއްވާ ފެނުނު ބަންގުލަދޭޝްގެ ޝަރީފު،21،ގެ ހަށިގަނޑު މިހާރުވަނީ ވަނީ މާލެ ގެނެސް، މޯޗަރީއަށް ލައިފަ އެވެ. އޭނާ ވަޅުލުމުގެ ކަންތަކާ ގުޅޭ ގޮތުން ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އޭނާގެ އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު އިއްޔެ ބުނި ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ، އެ ރަށުގައި އެއާޕޯޓް ހަދަމުންދާ ސަރަހައްދު ކައިރީގައި އޮންނަ ނައިބު ތުއްތު މަގުގައި ހުރި ފަޅު ގޯއްޗެއް ތެރޭގައި ހުރި ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ.
ޝަރީފަކީ އެ ރަށު ވަޑާންގެއެއްގައި މަސައްކަތްކުރާ އުމުރުން ގާތްގަނޑަކަށް 21 އަހަރުގެ މީހެއް ކަމަށް ފުވައްމުލަކުގެ މަސްދަރުތަކުން ބުނެ އެވެ.
އެމީހާ ފެނުނު އިރު އޮތީ ދެއަތް ފުރަގަހަށް ބަނދެފައި ކަމަށާއި އަދި ކަކުލު ހުޅުން ތިރި އޮތީ ލެއިން ތަތްތެޅިފައި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެހެންކަމުން ބަޔަކު އޭނާ އަށް އަނިޔާކޮށް މަރާލައިފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.