މި މަހު ރާއްޖެ ވަޑައިގަންނަވާ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާ ދެކޮޅަށް ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށްފިއެވެ.

ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިންޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ހިންގައި ރާވާ ކަމުގެ ތުހުމަތުގައި އާޓްފިޝަލްބީޗު ސަރަހައްދު ބޮޑުތަކުރުފާނުމަގުގައި ހުންނަ އެމްޑީޕީގެ 'މަތިހަމަގެ' އަށް ފުލުހުން މިރޭ ވަދެފައި ވަނީ 8:30 ކަންހާއިރުއެވެ.

ހަރުގެ ހުރި ސަރަހައްދުގެ މައްގުތައް ބަންދުކޮށް، އާންމުންނަސް އެތަނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް އެމްޑީޕީގެ ހަރުގޭގައި ފުލުހުން ހަރަކާތްތެރިވުމަށްފަހު އެތަން ދޫކޮށް ދިޔައީ މިރޭ 9:30 އެހާކަންހާއިރު އެވެ.

ހަރުގެ ދޫކޮށް ފުލުހުން ދިއުމުން ހަރުގޭގައި ހުރެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ކޯޓު އަމުރުގައި ތުހުމަތުކޮށްފައިވާ އެއްވެސް އެއްޗެއް އަދި ހެއްކެއް ވެސް ހަރުގެ ތެރެއިން ފުލުހުންނަށް ފެނިފައިނުވާ ކަމަށެވެ.

ބަލައި ފާސްކުރުމުން އެއްވެސް އެއްޗެއް ނުފެނުމުން ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް ހިންގާފާނެ ކަމަށް ތުހުމަތުވާނެ ކަމަށް ބުނެ ހަރުގޭގެ ބޭރުގައި ހަރުކޮށްފައި ހުރި އަޑުގަދަކުރާ އާއި ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންކުރާ ބެނާތައް ހަދަން ބޭނުންކުރާ ފޮތި ފޭލިތަކާއި ބުޓިކް ގެންދަން އުޅުނު ކަމަށް އަނަސް ވިދާޅުވިއެވެ.

"އެބޭފުޅުން މިތަނުގައި ހުރި ސްޓެންސިލްތަކާ އެއްޗެހިވެސް ބެއްލެވި. ހުރިހާ ސްޓެންސިލްތަކުގައި ވެސް މިހުންނަނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކެމްޕެއިނަށް ތައްޔާރު ކޮށްފައިހުރި ސްޓެންސިލްތަކެއް. އެބޭފުޅުން އެ ތުހުމަތު ކުރައްވާ މުޒާހަރާ އަކަށް ނުވަތަ އެއްވުމަކަށް ތުހުމަތު ކުރައްވާ އެއްވެސް ވައްތަރެއްގެ ސްޓެންސިލްއެއް ފެންނާކަށް ނެތް،" އަނަސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ހަރުގެއަކީ ސިޔާސީ ޕާޓީއެއް ހިންގަމުން އަންނަ ތަނެއް ކަމަށާއި އެތަނުގައި ހިންގާނީ ސިޔާސީ ހަރަކާތްތަކެއް ކަމަށެވެ. އަދި އެ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް އަނަސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އަމަލުތައް ފެނިގެން މިދިޔައީ ސިޔާސީ މަގުސަދެއްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަޅުނގަޑުމެން ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައި އެކަމަށް ހުރަސް އެޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްގެ ގޮތުގައި،" އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ކަންތައްތަކެއް ރާވައި ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ، ފުލުހުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ދަނީ ސައުދީގައި ރަސްކަންކުރާ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވީ އެ ވާހަކަތަކީ ދޮގެއް ކަމަށައި ސައުދީ އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅެނީ މުޅި ދުނިޔޭގައި ރާއްޖެ ފަވާލެވިގެން ދާނެ ވަރުގެ ބިޔަ ބޮޑު މަޝްރޫއެއް ކަމަށެވެ.

ނަމަވެސް އެ މަޝްރޫއުގެ ތަފްސީލުތަކެއް ސަރުކާރުން އަދި އާންމެއް ނުކުރެ އެވެ.