ސައުތް އެފްރިކާގެ ވޫލްވޯތްސް ހޯލްޑިންގްސް ލިމިޓެޑުގެ ރީޓެއިލް ފިހާރަތަކަށް ރާއްޖޭގެ މަސް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަމުން ބާނާ، ބަންދުކުރި މަސް ވޫލްވޯތްސްގެ ރީޓެއިލް ފިހާރަތަކަށް ތައާރަފްކޮށްފައި ވަނީ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައުތް އެފްރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

ސައުތް އެފްރިކާގައި ހުންނަވައިގެން "ސަން" އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޫލް ވޯތްސްގެ ފިހާރަތަކުގައި ރާއްޖޭގެ މަސް ވިއްކުމާ ގުޅޭ ގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި، މިރޭގެ ވަގުތެއްގައި ރަސްމީކޮށް ދިވެހި މަހުގެ ބްރޭންޑުތައް އެ ކުންފުނީގެ ފިހާރަތަކަށް ތައާރަފްކުރައްވާނެ ކަމަށެވެ.

ވޫލްވޯތްސްގެ އިސްވެރިންނާ އެކު މިނިސްޓަރު ޝައިނީ އެކުންފުނީގެ ފިހާރައެއްގައި --

"ލޯންޗިން ސެރެމޮނީ އޮތީ މިރޭ. އެ ކުންފުންޏާ އެކު ކުރެވުނު މަޝްވަރާގައި ދިވެހި މަހަކީ ތިމާވެއްޓާ ގެއްލުން ނުވާ ގޮތަށް ބާނާ މަހެއް ކަމާއި މަހަށް ރަނގަޅު އަގެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު،" ޝައިނީ ވިދާޅުވިއެވެ.

ވޫލް ވޯތްސް ކުންފުންޏަކީ ސައުތް އެފްރިކާގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. އެއީ ސައުތް އެފްރިކާގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއް ރީޓެއިލް ބްރޭންޑެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، އެދަތުރުފުޅުގައި އެގައުމުގެ ފިޝަރީސް މިނިސްޓަރާވެސް ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލް އަގުވާމީ ބާޒާރުގައި ރަނގަޅު އަގެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސައުތް އެފްރިކާއާ ގުޅިގެން ސަރަހައްދީ ޖަމިއްޔާ ޖަމާއަތްތަކާއެކު ދިވެހި މަހަށް ރަނގަޅު އަގެއް ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމާ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވޫލްވޯތްސް ފިހާރައެއްގެ ތެރޭގައި މިނިސްޓަރު ޝައިނީ ---

"އަޅުގަނޑުގެ މި ދަތުރުގެ ބޭނުމަކީ އަސްލު ދިވެހި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި، ދިވެހި މަސްވެރިކަމަކީ ތިމާވެއްޓަށް ގެއްލުން ނުވާ މަސްވެރިކަމެއް ކަން ޔާގީންކޮށްދިނުން. އަދި އެ އަށް ރަނގަޅު މާކެޓެއް ހޯދައިދިނުން،" ޝައިނީ ވިދާޅުވިއެވެ.

ދިވެހި މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގު ނުލިބުމުގެ މައްސަލައަކީ ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެ ގޮންޖެހުމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު މާކެޓުތަކަކަށް ރާއްޖޭގެ މަސް އެކްސްޕޯޓުކޮށް މާކެޓު ކުރުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ.