މިހާރަކަށް އައިސް ކޮންމެ އަހަރަކުވެސް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމެއް އޮލިމްޕަސް ސްކްރީނުގައި ނާޅުވައެއް ނުދެއެވެ. އަނެއްކާވެސް މިއޮތީ ބޮޑު ފިލްމެއް އަޅުވަން ތައްޔާރު ވެފައެވެ. އަންނަ އެޕްރީލް ފަހެއްގައި މި އަންނަނީ ރޮމޭންޓިކް ކޮމެޑީ ފިލްމު "މީ ލޯތްބަކީ" އެވެ.

ފިލްމު އަޅުވަން 35 ދުހަވަހަށްވީ އިރު މިއަދު ވަނީ އޮންލައިން ކޮށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭނީ "މިއީ ލޮތްބަކީ"ގެފޭސްބުކް ޕޭޖަށްމެސެޖުކޮށްގެންނެވެ. އަދި 9911229 އަށް އެސްއެމްއެސް ކޮށްގެން ބުކް ކުރުމުގެ ފުރުސަތު ވެސް އޮތީ ފަހިވެފަ އެވެ.

ފިލްމު އަޅުވަން ކުޑަތަންވަމުން ދާއިރު މިހާރު ދަނީ ފިލްމުގެ މާކެޓިން ކަންތައްތަކާއި ޕްރޮމޯޝަންގެ މަސައްކަތް ބާރުމިނުގައި ކުރަމުންނެވެ.

މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "ވާށޭ މަށާ އެކީ"ގެ ކާމިޔާބީ ފެންނާނެ ކަމަށް ބެލެވޭ އެ ފިލްމަކީ މުހައްމަދު އަލީ (މުގާ) ޕްރޮޑިއުސްކޮށް، އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ފިލްމުގެ ހުރިހާ މަސައްކަތެއްހެން މިއޮތީ ނިމިފަ. ޑަބިންގެ މަސައްކަތްވެސް ނިމިއްޖެ. މިހާރު މިކުރަނީ މާކެޓިންގެ މަސައްކަތް ތަކުގެ އިތުރުން ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތައް،" ފިލްމާ ބެހޭ ގޮތުން މުގާ ބުންޏެވެ.

"މީ ލޯތްބަކީ" ގެ ޕޯސްޓަރެއް--

އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ އެެ ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ދެ ދުވަސް ތެރޭ ފެންނާނެ ކަމުގެ އުފާވެރި ހަބަރު އޭނާ ދިނެވެ.

އެ ފިލްމަކީ ގިނަ ކާސްޓުންތަކެއް ފެނިގެންދާނެ ފިލްމެކެވެ. މުގާ ބުނީ، އެ ފިލްމު ވާނީ މިހާތަނަށް ޑާކްރެއިންގެ ފަރާތުން ގެނެސްދޭ އެންމެ ބޮޑު ފިލްމަށް ކަމަށެވެ. އަދި ފިލްމަށް ދާ އެންމެން ހެއްވާލާނެ މަޖާ ފިލްމެއް ކަމަށެވެ.

"މީ ލޯތްބަކީ"ގެ ލީޑު ރޯލުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ. އޭގެ އިތުރުން ކުރި އަރަމުން އަންނަ ދެ ލަވަކިޔުންތެރިއެއް ފެންނަ އިރު މުޅިން އާ ފަންނާނުން ވެސް ފެންނާނެއެވެ.

އެ ފިލްމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ދައްކަމުން އަންނަ ވާހަކަތައް އަންނަ މަހުގެ ފަސްވަނަ ދުވަހު ޔަގީންވެގެންދާނެއެވެ.