ކުރިއަށް އޮތް ދުވަސްތަކުގައި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި ވެރިން ރާއްޖެ ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް ކަންތައްތަކެއް ރާވަމުންދާ ކަމަށާއި، އެކަމަކު އެކަމަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ރާއްޖެ ވަޑައިގަންނަވާނެ ކަން ވަނީ އިއުލާނު ކުރައްވާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ އިއްޒަތްތެރީންގެ ގަދަރަށް އުނިކަން އަންނާނެ ފަދަ ކަންކަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވީމަ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެފަދަ އެއްވެސް އަމަލެއް ހިންގަން ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ އަމަލެއް ހިންގަން އުޅޭ ފަރާތަކަށްވެސް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.