ރާއްޖެ ޓީވީގައި ތުހުމަތުގައި ދައުލަތުން އުފުލާފައިވާ، ހ. ގަސްވާ، މުހައްމަދު މީއާދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު 11:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކުރި އަޑުއެހުން ކެންސަލްކުރި ސަބަބު، ކޯޓުގެ ބަހެއް ނުލިބުމުގެ ސަބަބުން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އެމައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މީއާދުގެ އަތުގެ ބައެއް އަނދާފައިވާކަން ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އަނދާފައިވާ ކަމުގެ ނިޝާންތައް އޭނާގެ ކަނާތުން ފެންނަން ހުއްޓެވެ.

އެ މައްސަލައާއި ގުޅިގެން މީއާދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ ވަނީ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އޭނައާ ދެކޮޅަށް ހެކި ހުށަހަޅައިފައެވެ.

ފުލުހުން ވަނީ ޖުމްލަ ނުވަ މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީއިން ދައުވާ އުފުލާފައިވަނީ ހަމައެކަނި މީއާދުގެ މައްޗަށް އެކަންޏެވެ.